ޚަބަރު

އެމްޕީއެލްގެ ވިޔަފާރި ފުޅާކުރުމަށް ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށަނީ


  • މިއީ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް

  • އެއަރލައިންތަކާއި ވާހަކަދެކެވި، އެއްބަސްވުމަކާއި ހަމައަށް ވަނީ ގޮސްފައި

  • ޑޮލަރުގެ ދަތިކަމަށްވެސް މިކަމުން ހައްލު ލިބޭނެ

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، އެއް ޤައުމުން އެތެރެކުރާ މުދާ އެހެން ޤައުމަކަށް އެކްސްޕޯޓްކުރުމަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށެވެ. އަދި އެމްޕީއެލްއަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަސައްކަތުގެ ދަށުން ރީ-އެކްސްޕޯޓްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އެގޮތުން ޓްރާންސްޝިޕްމަންޓު ކާގޯ ހޭންޑަލް ކުރުމާއި ގުޅޭގޮތުން އެއަރލައިންތަކަކާއި ވާހަކަދެކެވި، އެއްބަސްވުންތަކާއި ހަމައަށް ގޮސްފައިވާކަމަށް ވަޖީޙު ވިދާޅުވިއެވެ.

" ވަރަށް ގިނަ މުދާ އެބަހުރި ކޮލޮމްބޯ މަގުން ރާއްޖެ އައިސްސަ، ދެން އެމީހުން ބޭނުންވޭ، ރާއްޖެ އަންނަ މުދާތައް ވައިގެ މަގުން ތަންތަނަށް ފޮނުވަން، އެއަރލައިންތަކަކާއިވެސް ވާހަކަދެކެވި، އެކްސްޕޯޓުކުރަން ރެޑީވެފައިހުރީ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ އެކްސްޕޯޓުކުރުމުން އެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ވިޔަފާރީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށްވެސް ހައްލެއް ލިބިގެންދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

" މީގެ އެއް ނަތީޖާއަކީ މިކަމުގައި ބޭނުންކުރާނީ ޔޫއެސްޑީ، ކުންފުންޏަށް ލިބޭ ޔޫއެންޑީ އިތުރުވެ، ރާއްޖޭގެ ޑޮލަރުގެ މާރކެޓަށް އޮތް އުނދަގޫ ލުއި ވެގެންދާނެ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ އެ ކުންފުނިން ދެމުން އަންނަ ޙިދުމަތްތައްވެސް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ހިދުމަތްދޭ ބޮންޑަޑް ވެއަރ ހައުސްއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމުގެ ގޮތުން ހުޅުމާލޭ ޕޯޓުގައި އިތުރު 150 ކޮންޓެއިނަރ ބެހެއްޓުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. މިއާ އެކު ރިސޯޓުތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.