ޚަބަރު

މާފުށި ޖަލުން 22 މޯބައިލް ފޯނު އަތުލައިގަނެފި


  • މޯބައިލް ފޯނާއެކު 10 ޗާޖަރާއި 10 ހެޑްސެޓް/އެއަރޕޮޑު އަތުލައިގަނެފައިވޭ

  • ދެ ސިމް ކާޑާއި ފޯނުގެ ބައެއް ތަކެތިވެސް އަތުލައިގަނެފައިވޭ

  • މި ތަކެތި އަތުލައިގަނެފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި

މާފުށި ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 22 މޯބައިލް ފޯނު އަތުލައިގަނެފިއެވެ.

ފުލުހުން ވިދާޅުވީ މާރޗް މަހުގެ 6 ވަނަ ދުވަހު މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ބަލަމުންދާ މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި މާފުށީ ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮށް 22 މޯބައިލް ފޯނު، 10 ޗާޖަރު، 10 ހެޑްސެޓް/އެއަރޕޮޑް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.