ޚަބަރު

މިދިޔަ 5 އަހަރު 263 މިލިޔަން ރުފިޔާ ދައުލަތަށް ހޯދުމަށް އެދިފައިވޭ: އޭސީސީ


  • ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބުނީ 234،531 ރުފިޔާ

  • އެސީސީން ވަނީ މިދިޔަ އަހަރު 220 މައްސަލައެއް ތަހުގީގީކޮށް ނިންމާފައި

އެކި މައްސަލަތަކުގައި މިދިޔަ 5 އަހަރު 263 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން ޢާންމުކުރި އަހަރީ ރިޕޯޓުގައި ކޮމިޝަނުން ބުނެފައިވަނީ މިދިޔަ އަހަރު އެ ކޮމިޝަނުން ބެލި 15 މައްސަލައަކުން ޖުމްލަ 74 މިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ލިބެންޖެހޭކަން ނިންމާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 50 މިލިޔަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައިވޭތޯ ބެލި ބެލުމުން މީގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ 234،531 ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ.

މިދިޔަ 5 އަހަރު ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާ ފައިސާގެ އަދަދު:

• 2023 ވަނަ އަހަރު 50370521.75 ރުފިޔާ
• 2022 ވަނަ އަހަރު 35387768.51 ރުފިޔާ
• 2021 ވަނަ އަހަރު 2182565.78 ރުފިޔާ
• 2020 ވަނަ އަހަރު 14894835.35 ރުފިޔާ
• 2019 ވަނަ އަހަރު 160206164.61 ރުފިޔާ

އޭސީސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 220 މައްސަލައެއް ތަޙްޤީޤީ މަރުޙަލާއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅުންހުރި 84 މައްސަލައާއި، ދައުލަތުގެ ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމާ ގުޅުންހުރި 27 މައްސަލައާއި ވަޒީފާއާ ގުޅުންހުރި 22 މައްސަލައާއި ކުއްޔަށް ދޫކުރެވޭ ތަން ނުވަތަ ބިމާ ގުޅުންހުރި 14 މައްސަލައާއި ގޯތިގެދޮރާ ގުޅުންހުރި 8 މައްސަލަ ހިމެނެއެވެ.

ހަމައެހެންމެ ތަޙްޤީޤު މަރުޙަލާއިން ނިންމި މައްސަލަތައް ނިސްބަތްވާ އިދާރާތައްވެސް އޭސީސީގެ ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނިސްބަތްވާ 70 މައްސަލައަކާއި، ރަށު ކައުންސިލްތަކަށް ނިސްބަތްވާ 31 މައްސަލައަކާއި، ކުރީ ސަރުކާރުގެ މިނިސްޓްރީ އޮފް ހޯމް އެފެއަރސްއަށް ނިސްބަތްވާ 20 މައްސަލައެއް ހިމެނެއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ތަޙްޤީޤުކޮށް ނިންމި މައްސަލަތަކުގައި ހިމެނޭ ތުހުމަތުތައް ވެސް ހާމަކޮށްފައިވެއެވެ.

އެގޮތުން މި މައްސަލަތަކުގައި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު ބޭނުންކުރުމުގެ ތުހުމަތުކުރެވޭ 185 މައްސަލައާއި، ރިޝްވަތުގެ ތުހުމަތުކުރެވޭ 16 މައްސަލައާއި، ދައުލަތަށް ފައިދާ ވާން އޮތްތަނެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ތުހުމަތުކުރެވޭ 10 މައްސަލައާއި މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ 3 މައްސަލަ ހިމެނެއެވެ.

ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތައް ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮރަޕްޝަނުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ 71 ސެޝަން ހިންގުމާއި އިންތިޚާބީ ރިޝްވަތުގެ މައްސަލަތައް ހުށައެޅުމަށް ޚާއްސަ ޕޯޓަލެއް އޭސީސީން ވަނީ ތަޢާރަފްކޮށްފައެވެ.