ޚަބަރު

ޔޫއޭވީ ވެހިކަލްތަކުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާވާނެ: ނާޡިމް


  • ވައިގެ ޚިދުމަތް ތަޢާރަފްކުރުމަކީ ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވި

  • މިވަގުތު 3 ޔޫއޭވީއެއް މި ޚިދުމަތުގައި ބޭނުންކުރޭ

  • ތުރުކީވިލާތުގެ އެހީގައި މިކަމަށް ބޭނުންވާ ފަންނީ މީހުން ދަނީ ތަމްރީންކުރަމުން

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް ޚިދުމަތުގައި ބޭނުން ކުރާ އަންމޭންޑް އޭރިޔަލް ވެހިކަލް، ޔޫއޭވީތަކުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝެނަލް ޕާޓީ، އެމް.އެން.ޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނާޡިމް ވަނީ މިއީ ރާއްޖެއިން ހާސިލްކުރި ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައެވެ.

މުޙައްމަދު ނާޡިމް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގައި ބޭނުންކުރާ ޔޫއޭވީ ޑްރޯންތަކުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެކަމާމެދު ޝައްކުނުކުރައްވާކަމަށެވެ. އަދި އިންޓެލިޖެންސް ސަރވައިލަންސް އޮޕަރޭޝަންތައް ފައިދާހުރި ގޮތެއްގައި ރާއްޖެއިން ކުރިއަށް ގެންދަވާނެކަމަށް ޝައްކު ނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ. އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.