ޚަބަރު

ބާ ކައުންސިލްގެ ރައީސަކަށް ޙުސައިން ސިރާޖް އިންތިޚާބުކޮށްފި


  • ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ވެސް ވަނީ މެންބަރަކު އިންތިޚާބުކޮށްފައި

  • އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުވީ އަޙްމަދު ޝިފާޢު

  • ބާ ކައުންސިލްގެ ރައީސްގެ މަގާމް ހުސްވީ އެ މަޤާމުގައި ހުންނެވި ވިޝާމް އަވަހާރަވުމުން

ބާ ކައުންސިލްގެ ރައީސްގެ މަޤާމަށް ޙުސައިން ސިރާޖް އިންތިޚާބުކޮށްފިއެވެ.

މި މަޤާމަށް ސިރާޖް އިންތިޚާބުވެވަޑައިގަތީ ހުސްވެފައިވާ ބާ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި މުޙައްމަދު ފައިސަލާއި ވާދަކޮށެވެ. އެގޮތުން ސިރާޖަށް 224 ވޯޓު ލިބިފައިވާއިރު ފައިޞަލަށް ލިބުނީ 172 ވޯޓެވެ.

އިންތިޚާބުގައި ބާ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ހޮވުމުގެ އިތުރުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށްވެސް ބޭފުޅަކު ވަނީ އިންތިޚާބުކޮށްފައެވެ.

އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ހަމައެކަނި ވާދަކުރި ކެންޑިޑޭޓު އަޙްމަދު ޝިފާޢުއެވެ. ޝިފާޢުގެ އިތުރަށް އެއްވެސް ވަކީލަކު ކުރިމަތިލައްވާފައިނުވާތީ އޭނާ ހޮވާފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ޝިފާޢު ހޮވަން ފެންނަކަމަށް 248 ވަކީލަކު ވޯޓު ދެއްވާފައިވެއެވެ. ނުފެންނަކަމަށް ވޯޓް 88 ވޯޓު ދީފައިވެއެވެ.

ބާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރަނީ ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ޤާނޫނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ބާ ކައުންސިލުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވި 991 ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލާފައިވަނީ 396 ވަކީލުން ކަމަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ "ފަހި ވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

ބާ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުކުރެވުނު ޙުސައިން ސިރާޖް ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ ވައިސް ޗެއަރމަންކަމާއި މީރާގެ ބޯޑު މެންބަރުންކަން ކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުވެސް ސިރާޖް ވަނީ ފުރުއްވާފައެވެ. ސިރާޖް ތަޢުލީމު ހާސިލްކުރެއްވީ ލަންޑަންގެ މިޑްލްސެކްސް ޔުނިވަރސިޓީން ޤާނޫނީ ދާއިރާއިންނެވެ.

ބާ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހު އަވަހާރަވުމުންނެވެ.