ޚަބަރު

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފި


  • މިހާތަނަށް 506015 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • މިދިޔަ އަހަރާއި އަޅާ ބަލާއިރު، 13.6 އިންސައްތަ އިތުރު އަދަދެއް

  • އެންމެ ގިނައިން އަންނަނީ ޗައިނާ ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 506،015 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 445،625 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދުތަކަށް ބަލާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާތަނަށް ފަތުރުވެރިން އައިސްފައިވާ އަދަދު:

ޖެނުއަރީ: 192،385 ފަތުރުވެރިން
ފެބްރުއަރީ : 217،394 ފަތުރުވެރިން
މާރޗުމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް : 96،238 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،015 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 11.9 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

ޗައިނާ : 60،243 ފަތުރުވެރިން
ރަޝިއާ : 51،376 ފަތުރުވެރިން
އިޓަލީ : 48،414 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމަށެވެ.