ޚަބަރު

"ގިނަ މީހުން ކަށުނަމާދުގައި ބައިވެރިވުމަކީ އެމީހުންގެ ޝަފާޢަތް މައްޔިތާއަށް ލިބޭނެ ކަމެއް"


  • އިހްޔާ ފޯރަމްގެ އާދިއްތަ ދުވަހުގެ ރޭގެ މަޢުޟޫއަކީ "މަރުވުމަށް ފަހު"

  • ރޭގެ ފޯރަމްގައި މަޢުލޫމާތު ދެއްވީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން

މައްޔިތާގެ ކަށުނަމާދުގައި ގިނަ ބަޔަކު ބައިވެރިވުމަކީ އެ މީހުންގެ ޝަފާޢަތް މައްޔިތާއަށް ލިބޭނެކަމެއްކަމަށް އިޙްޔާ ފޯރަމްގައި ދަރުސްގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ދެވަނަ ފޯރަމްގެ މަޢުޟޫއަކީ "މަރުވުމަށް ފަހު"އެވެ. މިމަޢުޟޫއުގެ ދަށުން މަރުވުމާއި މަރުވުމަށް ފަހު އިންސާނާއަށް ކުރިމަތިވާ ކަންކަމުގެ މައްޗަށް ޑރ. ޢަބްދުއްސައްތާރު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ އިންސާނާއަށް ނުރައްކާތެރި ބިރުވެރި 3 ވަގުތެއް އަންނަ ކަމަށެވެ. އެއީ އިންސާނާ ދުނިޔެއަށް އަންނަ ވަގުތާއި އިންސާނާ މަރުވާ ވަގުތާއި އިންސާނާ ދެވަނަ ފަހަރަށް އަލުން ދިރުއްވާ ވަގުތު ކަމަށެވެ.

ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ އިންސާނާ އުފަންވާއިރު އޭނާއަށް ރިޒްޤު ތަނަވަސްވާނެކަމެއް ނުވަތަ އޭނާއަށް ދުނިޔޭގައި ޖެހޭނެ މުސީބާތެއް ނޭނގޭނެ ކަމަށެވެ. އަދި މަރުވުމަށްފަހު މަލާއިކަތުންގެ ސުވާލުތަކަށް ޖަވާބު ދެވޭނެކަމެއް ނުވަތަ ނުދެވޭނެކަމެއް ވެސް އެއްވެސް މީހަކަށް ނޭނގޭނެކަމަށާއި އަލުން ދިރުއްވާއިރު މަޙުޝަރުގެ މައިދާނުގައި ޢަމަލުތަކުގެ ފަތްކޮޅު އަންނާނީ ކަނާތައް ކަމެއް ނުވަތަ ވާތަށް ކަމެއް ނޭނގޭނެކަމަށެވެ. އަދި މަރުވުމާ މެދު އެއްވެސް ޚިލާފެއް ނެތް ކަން ފާހަގަކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ ޚިލާފު އޮތީ މަރުވުމަށް ފަހު އިންސާނާގެ ރޫޙަށް ވާނެގޮތަކާ މެދުގައި ކަމަށެވެ.

"ރަސޫލާ ޙަދީޘްކުރައްވަނީ މަރުވުމަށްފަހު އިންސާނާ ވަޅުލަން ގެންދާއިރު އެއީ ރަނގަޅު މީހެއް ވެއްޖިއްޔާ ބުނާނޭ ތިމަންނާ އަވަހަށް ގެންދާށޭ. ނުބައި މީހެއް ވެއްޖިއްޔާ ބިރުން ހަޅޭއް ލަވާނެއޭ. އޭނާ ބުނާނެއޭ ހުރި ހަލާކެއްގެ ބޮޑުކަމާއޭ ކޮންތާކައްހޭ ތިމަންނަ ތިޔަ ގެންދަނީ. އިންސާނުން ފިޔަވައި ހުރިހާ އެއްޗަކަށް މި އަޑު އިވޭނެ. އިންސާނަކަށް މި އަޑު އިވިއްޖެއްޔާ ބިރުން ހޭނެތޭނެ." ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ ކީރިތި ރަސޫލާގެ ޙަދީޘެއްގައި ކަށު ނަމާދެއްގައި ޝިރުކުނުކުރާ 40 މީހުން އެހެން ރިވާޔަތެއްގައި 100 މީހުން ބައިވެރިވެއްޖެނަމަ މައްޔިތާއާމެދު އެމީހުންގެ ޝަފާޢަތް ޤަބޫލުކުރައްވާނެކަމަށް އޮންނަ ކަމަށެވެ. މިހެންވެ މައްޔިތާގެ ކަށުނަމާދުގައި ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ޑރ. ޢަބްދުއްސައްތާރު ވަނީ ކަށުނަމާދަށް ގޮސް ޢާންމުކޮށް ޢަމަލުކުރެވޭ ގޮތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކަށުނަމާދަށް ގޮސް އަމިއްލަ ވާހަކައިގައި ގިނަ ބަޔަކު ހޭދަކުރާކަމަށާއި ރަނގަޅުގޮތަކީ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރުންކަމަށް ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ. އަދި ކަށުނަމާދަށް ދާ މީހާގެ ހެޔޮ ދުޢާއިން ވަރަށް ބޮޑު ފައިދާތަކާއި ލުއިތަކެއް މައްޔިތާއަށް ލިބޭނެކަމަށް ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

"ކަށުނަމާދަށް ގޮސް ކުރަންވާނެ ކަންކަމަކީ ސޫރަތުލް ފާޠިޙާ ވިދާޅުވުމަށްފަހު، ޞަލަވާތް ކިޔެވުމަށްފަހު "މިއަޅާގެ ވެރިރަސްކަލާކޯއޭ! މި މައްޔިތާގެ ފާފަތައް ފުއްސަވާދެއްވާންދޭވެ! ޤަބުރާއި ނަރަކައިގެ ޢަޒާބުން ސަލާމަތްކޮށްދެއްވާންދޭވެ! މައްޔިތާގެ ޤަބުރު އަލިކޮށް ތަނަވަސްކޮށްދެއްވާންދޭވެ! މަލާއިކަތުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ތައުފީޤު އޭނާއަށް ދެއްވާންދޭވެ!" މިގޮތަށް ކޮންމެ މީހަކު ދުޢާކޮށްލިޔަސް ވަރަށް ފައިދާވާނެ މައްޔިތާއަށް." ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ރޭގެ އިޙްޔާ ފޯރަމްގައި ވެސް ދަރުހަށްފަހު ސުވާލުކުރުމަށް 10 މިނެޓުގެ ވަގުތުކޮޅެއް ދީފައިވެއެވެ.