ޚަބަރު

މަޖިލިސް އިންތިޚާބު މޮނިޓަރކުރުމާއި މަންދޫބަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފި


  • އޮބްޒަރވްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައި

  • ފުރުޞަތު ހުޅުވާޅާފައިވަނީ މިމަހުގެ 21ގެ ނިއަލަށް

  • ފޯމު ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެ

  • އީމެއިލް މެދުވެރިކޮށް އަދި ކޮމިޝަނުގެ ކައުންޓަރުތަކަށް ފޯމު ހުށައެޅޭނެ

މަޖިލިސް އިންތިޚާބު އޮބްޒަރވްކުރުމާއި މޮނިޓަރކުރުމާއި ކެންޑިޑޭޓުންގެ މަންދޫބަކަށްވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފުރުޞަތު އަލުން ހުޅުވާލީ ނިންމީ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވުމުން ކަމަށެވެ. ކުރިން މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން އަންނަ މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 13:30އަށް ހުޅުވާލާފައިވާ ކަމަށެވެ. އޮބްޒަރވްކުރުމާއި މޮނިޓަރކުރުމާއި މަންދޫބަކަށްވުމަށް އެދި ހުށައަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އީމެއިލް މެދުވެރިކޮށް ފޯމުތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ދަރުބާރުގޭގައި ހުރި ކޮމިޝަނުގެ ކައުންޓަރުތަކަށް ވެސް ފޯމު ހުށައެޅޭނެ ކަމަށާއި ކައުންޓަރުތައް ހުޅުވާފައި ހުންނާނެ ގަޑިތައް ގެޒެޓުގައި އިޢުލާނުކޮށްފައިވާކަމަށެވެ.

އޮބްޒަރވަރަކަށްވުމަށް ހުށައަޅާއިރު ހުންނަންޖެހޭ ބައެއް ޝަރުތުތައް:

• ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
• ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން
• ވޭތުވެދިޔަ 5 އަހަރު ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިނުވުން
• އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

މޮނިޓަރަކަށްވުމަށް ފޯމު ހުށައަޅާއިރު ހުންނަންޖެހޭ ބައެއް ޝަރުތުތައް:

• އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
• ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން
• އެމްބީސީގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހަކަށްވުން
• ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވުން

މަންދޫބަކަށްވުމަށް ފޯމު ހުށައަޅާއިރު ހުންނަންޖެހޭ ބައެއް ޝަރުތުތައް:

• އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
• ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން
• ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން
• ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން
• ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަންދޫބުން ބަދަލުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށްވެސް އެ ފުރުޞަތު އޮންނާނެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް 371 ކެންޑިޑޭޓުން ވާދަކުރައްވައެވެ.