ޚަބަރު

72 ގަޑިއިރު ހަމަވުމުން، ހާބަރު ސަރަޙައްދު ސާފުކުރަން ފަށަނީ


ހުޅަނގު ބަނދަރު ސަރަޙައްދުގައި މިހާރު ހުރި ކެފޭތައް ނެގުމަށް ދެއްވާފައިވާ 72 ގަޑިއިރު ހަމަވުމުން އެތަން ސާފުކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަސު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ ކެފޭތަކަށް ހައުސިންގ މިނިސްޓްރީން ދެއްވާފައިވާ 72 ގަޑިއިރު ހަމަވާނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހުޅަނގު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަމުން ހައުސިންގ މިނސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅަނގު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ކުއްލިއަކަށް ސަރުކާރުން އިޢުލާންކުރެއްވި މަޝްރޫއެއް ނޫންކަމަށެވެ. އެތަނުގައި ފުޑްކޯޓު ހައްދަވައި، އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް އެތަން ހުސްކުރުމަށް ފެބުރުއަރީމަހުގެ ތެރޭގައި އެތަނުގައި މިހާރު ވިޔަފާރި ކުރައްވާ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ. އެއާއެކު ބައެއް ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ސަބަބުން މަޝްރޫޢު މަޑުޖެހިގެން ދިޔަކަމަށެވެ. އެހެންނަމަވެސް މިކަމަކީ ތަރައްޤީއަށް ހުރަސްއެޅޭ ކަމަކަށްވާތީ، ދައުލަތުން މި ޙުކުމް އިސްތިޢުނާފުކުރެއްވީ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤާނޫނީ ގޮތުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު މިހާރު އެތަނުގައި ހުރި ކެފޭތަކާއި، ފިހާރަތައް ހުސްކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދެއްވީ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14616844889553.jpg|ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ރައިވެރިބޭ މައިޒާން

އެހެންކަމުން މިހާރު ދެވިފައިވާ މުއްދަތަކީ އެތަން ހުސްކުރުމަށް އެކަށީގެންވާ މުހުލަތެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިހާރު ދެއްވާފައިވާ މުހުލަތު ހަމަވުމުން ހައުސިންގ މިނިސްޓްރީން އެތަން ހުސްކުރައްވައި، މިހާރު ޕްލޭންކުރައްވާފައިވާ މަޝްރޫއު ކުރިއަށް ގެންދަވަން ފަށްޓަވާނެކަމަށެވެ.

ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދަކީ، އެތަނުގެ ޒާތުގައި ވިޔަފާރިތައް ފުޅާވެ، މުޅި އެ ސަރަޙައްދުގައި ކޭފޭތައް ހަދާފައި އޮތް ތަނެކެވެ. މިހާރު އެތާނގައި ހުރި ކެފޭތަކާއި ފިހާރަތައް ނެންގެވުމަށްފަހު ޒަމާނީ ފެންވަރަށް ފުޑް ކޯޓް ހެއްދެވުމަށް ނިންމަވާފައިވަނީ، ކޮމަން ސީޓިން އޭރިއާއަކާ އެއްކޮށެވެ. 

އެސަރަޙައްދުގައި ވިޔަފާރިކުރާ މީހުންގެ ތެރެއިން ބައެއް މީހުން ޕީއެސްއެމްއާ ވާހަކަދައްކަމުން ބުނީ އެތަންތަން ހުސްކުރުމަށް ހައުސިންގ މިނިސްޓްރީން ދެއްވި މުއްދަތު ކުރުކަމަށެވެ. ސަރުކާރުން އެތަން ތަރައްޤީކުރެއްވުމަށް ގެންގުޅުއްވާ ޕްލޭނަކީ ރަނގަޅު ޕްލޭނެއްކަން ފާހަގަކުރަމުން އެފަރާތްތަކުން ބުނީ، މުދާތައް ހުސްކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ހުޅަނގު ބަނދަރު ސަރަޙައްދު ތަރައްޤީ ކުރައްވައި، ބޭރު ގައުމުތަކުން ފެންނަ ކޮމަން ސީޓިން އޭރިއާއަކާއި އެއްކޮށް ހުންނަ ކަހަލަ ފުޑް ކޯޓުތަކެއް ހެއްދެވުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އެސްޓީއޯއާއެވެ. 

މި މަޝްރޫޢަކީ އެސްޓީއޯއިން ޚަރަދުކުރާގޮތަށް ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.