އަލަށް ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު ޟަމީރުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައްބަޔަކު އެބަތިބިކަމަށެވެ. އެހެންނަކަމުން އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ފަންނީ އަދި ޓެކްނިކަލް މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށާއި، ބާކީ ހުރި މަސައްކަތްތައް ނިންމާ ވަރަށް އަވަހަށް އެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސީލަކާއެކު ދާދި އަވަހަށް އެ ލޯން ސްކީމަށް ހުޅުވާލާނެ. މިއީ ކޮންވެންޝަނަލް ލޯނު އަދި އިސްލާމިކް ފައިނޭންސްގެ ލޯން." ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަލަށް ގެދޮރު އިމާރާތް ކުރާނެ ތަނަވަސްކަން ނެތް މީހުންގެ އިތުރަށް މިހާރު ގެދޮރު އިމާރާތްކުރަން ފަށާ، މަސައްކަތް ނުނިމި ހުރި ފަރާތްތަކަށާއި ގެދޮރު މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ލުއި ލޯނު ދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މި ލޯނަށް އެދުމުގެ ފުރުޞަތު މިއަހަރުގެ ތެރޭ ހުޅުވާލައްވާނެކަމަށް ވިދާޅުވެފައެވެ.
މި ލޯނުތަކަކީ ހަމައެކަނި މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ޚާއްސަ ލޯނުތަކެއް ނޫންކަމަށާއި މިއީ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށްވެސް ޚާއްސަ ލޯނެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި މި މައްސަލަ ބޮޑުވެފައިވާކަމަށާއި އާބާދީގެ ގޮތުންވެސް މާލޭ ސަރަޙައްދުގައި ގިނަ މީހުން ދިރިއުޅޭތީ ލޯނުގެ ބޮޑުބައެއް މާލެ ސަރަޙައްދަށް ލިބޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އިންޓަރެސްޓް ރޭޓް %5 އަށްވުރެ ބޮޑު ނުވާނެހެން ގެދޮރު ބިނާކުރުމަށް ލޯން ސްކީމެއް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.