ޚަބަރު

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް


  • މަފާޒް ވަނީ ކަސްޓަމްސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާފައި

  • 27 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކަސްޓަމްސްއަށް ޚިދުމަތްކުރައްވާފައިވޭ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަޤާމަށް އިބްރާހިމް މަފާޒް އައްޔަންކުރައްވައިފިއެވެ.

ކަސްޓަމްސްއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް އިބްރާހިމް މަފާޒް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ކަމަށެވެ.

މަފާޒްވަނީ ކަސްޓަމްސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ކޭންބެރާ ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ޙާސިލްކުރައްވާފައެވެ.

މަފާޒް ވަނީ ކަސްޓަމްސްއަށް 27 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

މަފާޒާއެކު މިހާރު ކަސްޓަމްސްގައި 4 ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވައެވެ. އެއީ މަފާޒްގެ އިތުރުން ފާތިމަތު ދިޔާނާއާއި ޢަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.