ޚަބަރު

އިދިކޮޅުން ސިޔާސީ އެޖެންޑާ ނެރެގެންކުރާ މަސައްކަތުން ގެއްލުންވާނީ ރައްޔިތުންނަށް: ޝިޔާމް


  • ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހުގެ އެއްބާލުން ނެތުން

  • 4 މަސްވީއިރު ސަރުކާރުގެ މުޅި ކެބިނެޓަށް މަޖިލީހުން ރުހުން ދީފައިނުވޭ

  • ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް މަޖިލީހުގެ އެއްބާރުލުން މުހިންމު

ސިޔާސީ މަޤުސަދެއް ޙާސިލްކުރުމަށް އިދިކޮޅުން ކުރައްމުން އަންނަ މަސައްކަތުން ގެއްލުންވާނީ ރައްޔިތުންނަށްކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން މުހިންމު ކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާރު މަޖިލީހުގައި އޮތީ ސަރުކާރާ އިދިކޮޅު ފިކުރެއްގެ މެޖޯރިޓީކަމަށާއި، އެ މެންބަރުން ޢަމަލުކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އެގޮތުން ރައީސްގެ މުޅި ކެބިނެޓަށް ރުހުން ނުދޭތާ މިހާރު 4 މަސް ދުވަސްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތްޕުޅަކީ ރައީސްގެ މެނިފެސްޓޯ ތަންފީޒްކުރުމަށް މަޝްރޫޢުތައް 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށްކުރި މަސައްކަތް. ޙަޤީޤަތަކީ މަޖިލީހަކު ނެތް އަޅުގަނޑުމެންގެ މެޖޯރިޓީއެއް. ރައީސަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒިންމާދާރުކަން ކުޑަ މެޖޯރިޓީއެއް، އިދިކޮޅު މެޖޯރިޓީއެއް މަޖިލީހުގައި އޮތުން. މަޖިލީހުން ރައީސަށް އެއްބާރުލުން ނުދެއްވާ ދުވަސްތަކެއް ގުނުމަކީ އަޅުގަނޑުމެންނަށް ހިތާމަވެރިކަމެއް." މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ރައީސްގެ ވަޢުދުތައް ފުއްދުމަށް ބައެއް މަޝްރޫޢުތައް 2024 ވަނަ އަހަރުގެ ބަޖެޓުގައި އެމްޑީޕީން ހިމަނައި ނުދިންކަންވެސް ފާހަގަކުރައްވާފައެވެ. ސިޔާސީ ބޭނުމަށް ރައީސްގެ ވަޢުދުތައް ފުއްދުމަށް މިހާރު މަޖިލީހުގައި އޮތް މެޖޯރިޓީން ހުރަސްއަޅުއްވަމުންދާކަމަށާއި، މިކަމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާއި ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކެމްޕެއިންކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ ކޮންމެ ދުވަހަކުވެސް ހަރަކާތްތައް ހިންގަމުންނެވެ. ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ނިސްބަތްވާ މައި ޕާޓީ ޕީއެންސީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރައްވައެވެ.