ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި


  • ކުއްޖަކަށް ޖިންސީ ގޯނާކުރުމުން ހައްޔަރުކުރި މީހާ ދޫކޮށްލީ މެޖިސްޓްރޭޓް ކޯޓަކުން

  • މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު

  • އިސްތިއުނާފުކުރީ އޭނާ ދޫކޮށްލީ ޤާނޫނާ އެއްގޮތަށް ކަމަށް ނުވާތީ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މެދުތެރޭގެ އަތޮޅެއްގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މިދިޔަ އަހަރު ތެރޭ ޝަރީޢަތް ނިމެންދެން ހައްޔަރުކުރި 69 އަހަރުގެ ފިރިހެނަކު ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓަކުން ވަނީ ނިންމާފައެވެ.

މި މައްސަލަ އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ހުށައެޅީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު މައްސަލަ އިސްތިއުނާފުކޮށް އޭނާވަނީ އަލުން ބަންދު ކޮށްފައެވެ. މިމައްސަލަ އިސްތިއުނާފުކުރުމަށް ނިންމީ މި މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލާފައިވަނީ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ޤަބޫލުނުކުރެވޭތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ނިންމުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ ބަންދުގައި ތިބި މީހުން ދޫކޮށްލަނީ ސަރުކާރުން ނޫންކަން އެނގުން މުހިންމުކަމަށާއި އެމީހުން ދޫކޮށްލުމަށް ނިންމަނީ ކޯޓުތަކުން ކަމަށެވެ.