މިއަހަރުގެ ޖަނަވަރީމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކ. އަތޮޅާއި ރ. އަތޮޅުންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖަނަވަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 99.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެތެރޭގައި ހިމެނެނީ ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 97 މިލިއަން ރުފިޔާ އާއި، ސަފާރީތަކުން ލިބިފައިވާ 2.5 މިލިއަން ރުފިޔާ އާއި ހޯމްސްޓޭ ފެސިލިޓީތަކުން ލިބުނު 11832 ރުފިޔާއެވެ.
މިއަހަރުގެ ޖަނަވަރީމަހު ގްރީން ޓެކުސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު 100.7 މިލިއަން ރުފިޔާ ވަނީ ގްރީން ޓެކުސްގެ ގޮތުގައި ލިބިފައެވެ.
ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖަނަވަރީމަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ މުޅި ޖުމްލަ 32 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި ރިސޯޓްތަކުން ލިބިފައިވާ 28.8 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބިފައިވާ 3.1 މިލިއަން ރުފިޔާ ހިމެނެއެވެ.
* ކ. އަތޮޅު – 32 މިލިއަން ރުފިޔާ
* ރ. އަތޮޅު – 9.7 މިލިއަން ރުފިޔާ
* އދ. އަތޮޅު –9.3 މިލިއަން ރުފިޔާ
* ދ. އަތޮޅު – 7.8 މިލިއަން ރުފިޔާ
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނެގޭ ޓެކުހެކެވެ. ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، 6 އެމެރިކާ ޑޮލަރުގެ ރޭޓުގައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި ނަގައެވެ.