ޚަބަރު

މެންބަރުކަމުގެ މުސާރަ އުނިކޮށްދޭން ރައީސް ނަޝީދު އެދިވަޑައިގެންފި


  • ރައީސް ނަޝީދު އެދިވަޑައިގަތީ މިމަހުން ފެށިގެން ދައުރުނިމެންދެން މުސާރަ އުނިކޮށްދެއްވުމަށް

  • ސީވީއެފްގެ އެސްޖީގެ މަޤާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރުކަމަށް އިންތިޚާބު ވެވަޑައިގެން މަޖިލީހުގެ ރައީސްކަން ކުރައްވައި، އެމަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު ސިޔާސީ ކަންކަމުން ދުރުވެވަޑައިގެންކަން އިޢުލާނުކުރައްވައި އެމަނިކުފާނު މިހާރު ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް، ސީވީއެފްގެ ފުރަތަމަ ސެކެރެޓަރީ ޖެނެރަލްކަމުގެ މަޤާމުއަދާކުރައްވަމުންނެވެ. މި މަޤާމު އަދާކުރެއްވުމަށް އެމަނިކުފާނު މިހާރު ހުންނެވީ ގާނާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް އެޑްރެސްކުރައްވައި ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސީވީއެފްގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމުގެ ޙައިސިއްޔަތުން އެމަނިކުފާނު މިހާރު ހުންނެވީ ގާނާގައި ކަމަށާއި މަސައްކަތާ ރަސްމީކޮށް ހަވާލުވުމަށް ކުރަންޖެހޭ ގިނަ ކަންކަމަށްފަހު، މިދިޔަ މަހުގެ މެދުތެރޭ ގާނާގެ ޤާނޫނު ހަދާ މަޖިލީހުން ސީވީއެފްގެ ސެކްރެޓޭރިއެޓްއާ ބެހޭ ޤަރާރު ފާސްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިމަހުން ފެށިގެން މިދައުރުގައި ބާކީ އޮތް މުއްދަތަށް ރައްޔިތުން މަޖިލިސްގެ މެންބަރެއްގެ ޙައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި އެދިވަޑައިގެންނެވިއެވެ.

މެންބަރުކަމުގެ މުސާރަ އުނިކޮށްދޭން ރައީސް ނަޝީދު އެދިވަޑައިގެންފިވާއިރު، މެންބަރުކަމުގެ މުސާރައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާތީ ދަޢުލަތުން ދެއްވާ އިނާޔަތް އެމަނިކުފާނަށް މިހާރުވެސް ލިބިވަޑައިގަންނަވައެވެ.