ޚަބަރު

ގްރީން ޕާޓީ އުފެއްދުމުގެ ހުއްދަ އަނެއްކާވެސް އީސީން ދީފި


  • ޖީޕީއެމް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ގއ. ކޮލަމާފުށި އޯޝަންރީޑް މުޙައްމަދު ޢަޒީމަށް

  • 3 މަސް ތެރޭ 3000 މެންބަރުން ހަމަކުރުމުގެ ހުއްދަ ވަނީ ދީފައި

ގްރީން ޕާޓީ އޮފް މޯލްޑިވްސް، ޖީޕީއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.

ގްރީން ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ކޮމިޝަނުން ދެއްވީ ގއ. ކޮލަމާފުށި އޯޝަންރީޑް މުޙައްމަދު ޢަޒީމަށެވެ. މީގެ ކުރިންވެސް މި ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވައިފައިވެއެވެ. އެފަހަރު ހުއްދަ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، 3000 މެންބަރުން ހަމަކުރުމަށް ކޮމިޝަނުން ދިން މުއްދަތުގައި މެންބަރުން ހަމަކޮށް އެފަހަރު ހުށައަޅާފައިނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގްރީން ޕާޓީ އޮފް މޯލްޑިވްސް މިނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި 3 މަހުގެ ތެރޭގައި 3000 މީހުންގެ ސޮއި ހަމަކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭނެކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ސޮއި ހުށައެޅުމުން އޭގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ކޮމިޝަނުން ދޭނެއެވެ.

މިއަދާ ހަމައަށް ރާއްޖޭގައި 10 ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްފައި އެބައޮތެވެ. މީގެ ތެރެއިން ޕާޓީތަކަށް ފައިސާ ދޫކުރެވޭ އަދަދު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ 4 ޕާޓީގައެވެ.