ޚަބަރު

ވީއައިއޭ މަޝްރޫޢުއާއެކު، އިޤްތިސާދު 5.2 އިިންސައްތައިން ކުރިއަރާނެ: ވޯލްޑް ބޭންކް


  • މިކަން ހާމަކޮށްފައިވަނީ ސައުތު އޭޝިއާ ޑިވެލޮޕްމަންޓު އަޕްޑޭޓު ރިޕޯޓުގައި

  • ރާއްޖޭގެ އިޤްތިސާދު މިއަހަރުތެރޭ ކުރިއަރާނީ 4.7 އިންސައްތައިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާއެކު އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު، ސައުތު އޭޝިއާ ޑިވެލޮޕްމަންޓު އަޕްޑޭޓު، "ޖޮބްސް ފޮރ ރެސިލިއަންސް" ރިޕޯޓުގައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އިޤްތިސާދު މިއަހަރުތެރޭ ކުރިއަރާނީ 4.7 އިންސައްތައިންނެވެ. މިއީ އެ ބޭންކުން ކުރިން ލަފާކުރި އަދަދަށްވުރެ 0.5 އިންސައްތަ ދަށް އަދަދެކެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަގުބޮޑު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި، ގެސްޓު ހައުސްތަކުގައި ޗުއްޓީ ހޭދަ ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ.

ރިޕޯޓުގައި އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެއަހަރުތެރޭ ދައުލަތުގެ ދަރަނިވެސް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ތަރައްގީކުރުމަށް ހިންގާ މަޝްރޫއު ނިމޭނެކަމަށް ލަފާކުރުމަށްފަހުއެވެ.

ވޯލްޑް ބޭންކުން ބުނީ މިދިޔަ އަހަރު ރާއްޖޭގެ އިޤްތިސާދަށް ލިބިފައިވަނީ 2 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މިއީ 2022 ވަނަ އަހަރު އިޤްތިސާދަށް ލިބުނު 13.9 އިންސައްތައިގެ ކުރިއެރުމާއި އަޅާބަލާއިރު މަޑު ދުވެއްޔެއްކަމަށެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނީ ވިލުންވެރި އިޤްތިސާދަކަށް، ވަޒީފާތައް އުފެއްދުމަށް އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިއްމުކަމަށެވެ. އަދި ކޯވިޑުގެ ބަލި މަޑުކަމާއެކު އަމިއްލަ ވިޔަފާރިތައް މަޑުޖެހިފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ވާދަވެރިކަން ކުޑަކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ބޭންކުގެ ދައުރު އިޤްތިސާދުގައި ބޮޑު ކަމަށާއި، އަދި އަވަށްޓެރި ޤައުމުތަކަށްވުރެ އިންޓްރެސްޓު ރޭޓުތައް ރާއްޖޭގައި ބޮޑު ކަމަށެވެ.

ދެކުނު އޭޝިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ސަރަހައްދެވެ. އަދި އަންނަ އަހަރުތެރޭ ދެކުނު އޭޝިއާ ސަރަހައްދު 6.1 އިންސައްތައިން ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނު އޭޝިއާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިންޑިއާ ކަމަށާއި، އެހެން ނަމަވެސް އެހެން ޤައުމުތަށްވެސް ކުރިއަރަމުން އަންނަ ދުވެލި ބާރުވަމުންދާ ކަމަށް ވޯލްޑު ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.