ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފި


  • ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ގޮވާން ބަހާނީ މިއަދާއި މާދަމާ

  • މިމަހުގެ 9 އާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކޭނެ

ފިޠުރު ޒަކާތުގެ ގޮތުގައި މިރަމަޟާން މަހު މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދު ބަހަން ފަށައިފިއެވެ. ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުން ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައިކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވައެވެ.

ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުން ކުރިއަށްދާނީ މިއަދާއި މާދަމާއެވެ. މިއަދު ޒަކާތް ބެހުން ކުރިއަށްދާނީ ހެނދުނު 11އިން ހަވީރު 4އަށެވެ. އަދި ރޭގަނޑު 20:30ން 22:30އަށެވެ. މާދަމާ ގޮވާން ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 11އިން ހަވީރު 15:30އަށެވެ. އަދި ރޭގަނޑު 20:30ން 22:30އަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަނީވެސް އަމީނިއްޔާ ސްކޫލްގެ ހޯލުގައެވެ.

އެގޮތުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 13:00 އިން 16:00 އަށް ގޮވާމުން ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި 9 އޭޕްރީލް ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:00 އިން 18:00 އަށްވެސް ޒަކާތް ބަލައިގަތުުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ޒަކާތު ހައުސް އިން މަޢުލޫމާތު ދެއްވައެވެ. ޒަކާތު ހައުސްއިން ވިދާޅުވީ ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.

ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށް، އަދި އާޓާ ފުށުންނެވެ. ގޮވާމުން ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.