ޚަބަރު

ފިތުރު ޢީދަށް ރާއްޖެ ދިއްލާލައިފި


  • ޢީދު އަލި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޢާންމުން ބައިވެރިވެފައިވޭ

  • ޢީދަށް ރާއްޖެ ދިއްލާލުމުން ގިނަ ބަޔަކު އަންނަނީ އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަމުން

އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުގެ ދަށުން މުޅި ރާއްޖެ ފިތުރު ޢީދަށް ދިއްލާލައިފިއެވެ.

ގިޑިގެތަކާއި އިސްލާމީ ޝިޢާރުތައް ރަމްޒުވާގޮތަށް ކުލަ ބޮކިތަކުން ދިއްލާލީ އެކަމަށް ޚާއްސަކޮށްގެން ޖުމްހޫރީ މައިދާނުގައި ބޭއްވި "ޢީދު އަލި" ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޢީދަށް ރާއްޖެ ދިއްލާލުމުގެ ހަރަކާތް މިފަހަރު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައެވެ. އެގޮތުން މިއަދު ސިޓީތަކާއި ވެރިކަންކުރާ ހުރިހާ ރަށެއްގައި ކުލަބޮކިތަކާއި ގިޑިގެތައް ދިއްލާ ޖަރީކޮށްފައިވެއެވެ.

އީދު އަލުން ދިއްލި ރަށްރަށުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީ ހިމެނެއެވެ.

"ޢީދު އަލި" ރަސްމިއްޔާތުގައި ޖުމްހޫރީ މައިދާނުގައި ހުރި ފައްވާރުވެސް މަރާމާތުކޮށް، އަލުން ވަނީ އިފްތިތާހުކޮށްފައެވެ.

ފައްވާރު ހުޅުވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މި ފައްވާރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 2015 ވަނަ އަހަރު ބިނާކުރި ތަނެކެވެ.

މިއީ ފަހުގެ ތާރީޚެއްގައި ފިތުރު ޢީދު ކުލަގަދަކޮށް ސަރުކާރަކުން ފާހަގަކުރުމަން ނިންމި މީ ފުރަތަމަ ފަހަރުކަމުން ގިނަ ބަޔަކު ދަނީ އެކަން ފާހަގަކޮށް، ސަރުކާރަށް ޝުކުރު ދަންނަވަމުންނެވެ.

މިއަހަރުގެ ފިތުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޖަމިއްޔާތަކާއި ގުޅިގެން މާލެތެރޭގައި ޢީދާ ގުޅުވައިގެން ސަގާފީ އެތައް ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.