ޚަބަރު

ބޮލަކަށް 8000 ރުފިޔާގެ ރޭޓުން މާލޭގައި ފިތުރު ޒަކާތް ބަހަން ފަށައިފި


  • ފައިސާ ޖަމާވާނީ އެމީހެއްގެ އަމިއްލަ އެކައުންޓަށް

  • ނިކަމެތިކަން ލިބިފައިވާ ޢާއިލާތަކަށް ޒަކާތުން އެހީ ލިބޭނެ

  • ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޒަކާތުން އެހީ ލިބޭނެ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެއަށް ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 8000 ރުފިޔާގެ ރޭޓުން ޒަކާތް ބަހަން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިފަހަރު މާލޭގައި ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު އިތުރު ކަމަށެވެ. މިހެންވެ މިފަހަރު ޒަކާތް ބަހަމުންދަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް، މީހަކަށް 8 ހާސް ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި ފައިސާ ޖަމާވަނީ އެމީހެއްގެ އަމިއްލަ އެކައުންޓަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަޤީރުންގެ ދަފްތަރުގައި 4978 މީހުން ތިބެއެވެ.

ވަޒީރު ވިދާޅުވީ ތާރީޚީ ގޮތުން ރާއްޖޭގައި ފިޠުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗަކުން އެރަށެއްގެ ފަޤީރުންނަށް ކަމަށެވެ. އަދި އެރަށެއްގައި ފަޤީރަކު ނެތް ނަމަ ޒަކާތް ދެނީ އެ ރަށަކާ އެންމެ ގާތުގައި ފަޤީރުން ތިބި ރަށަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކި ސަބަބުތަކާހުރެ ފިރިމީހާ ޖަލުގައި ބަންދުވުމުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ ޢާއިލާތަކަށްވެސް ފިޠުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި މީހުންނަށްވެސް ފިޠުރު ޒަކާތުން އެހީ ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހަންވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާރު ވަނީ ފަށްޓަވާފައެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.