ޚަބަރު

ޢީދު ގެނެސްދެނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙެއް


  • ޢީދު ދުވަހަކީ އުފާވެރިކަމާއި ހިނިތުންވުމުގެ ދުވަހެއް

  • ޢީދު ސައިން އެކަކު އަނެކަކާ ބައްދަލުވެ އެއްބައިވަންތަކަމުގެ ރޫޙެއް އުފައްދައިދޭ

  • މިފަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައި

މިއަދަކީ ހިޖުރީ ގޮތުން 1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހެވެ. ފިޠުރު ޢީދަކީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން އަދާކޮށް އެ މަސް ނިމުމާއެކު މުސްލިމުން ފާހަގަކުރާ މުނާސަބަތެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފިތުރު ޢީދު ފާހަގަކުރަނީ އެކި ގޮތަށެވެ. އެހެންނަމަވެސް ޢީދުން ކޮންމެ މުސްލިމު މުޖުތަމަޢަކަށް ވެސް ގެނެސްދެނީ އެއް ކަމެކެވެ. އެއީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.

ޢީދު ދުވަސް މުސްލިމުން ފަށަނީ ޢީދު ނަމާދުންނެވެ. މިއީ ބޮޑު ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޢީދު ނަމާދު ނިންމުމުން އެކަކު އަނެކަކާ ސަލާންގަލާންކުރާ ކުރުމުން މުސްލިމުންގެ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދައްކުވައިދެއެވެ. ޢީދު ނަމާދަށްފަހު ޢީދު ސައެއް އޮވެއެވެ. ޢީދު ސައިންވެސް އެކަކު އަނެކަކާ ބައްދަލުވެ އަނެއްކާވެސް އުފައްދައިދެނީ އެއްބައިވަންތަކަމުގެ ރޫޙެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދު ފާހަގަކުރާ ގޮތަށް ނަޒަރު ހިންގާލާއިރު، ޢީދު ދުވަހު ގޭގެއަށް ޒިޔާރަތްކުރުމާއި ހަދިޔާބަދިޔާ ބެހުން އޮވެއެވެ. އަދި ޕާކުތަކާއި މައިދާންތަކަށް ކުޑަކުދިން ގޮވައިގެން އެއްވެ، އެ ތަނުގައި އުފާފާޅުކުރުމާއި ކުޅިވަރުތައް ކުޅުން ޢީދު ދުވަހު އޮވެއެވެ.

ޢީދަކީ އުފާވެރިކަމާއި ހިނިތުންވުމުގެ މުނާސަބަތެކެވެ. ކުލަގަދަކޮށް ދުނިޔޭގެ ކޮންމެ ޤައުމެއްގައި އުޅޭ މުސްލިމުން ފާހަގަކުރާ އިސްލާމީވަންތަ މުނާސަބަތެކެވެ. ހަމައެހެންމެ ޢީދަކީ އަރުހުށި މާތް ﷲއަށް ތަކުބީރު ކިޔުމާއި ތަހުލީލު ކިޔުމުގެ ދުވަހެއްވެސް މެއެވެ.

ޢީދާ ދިމާކޮށް ކެއްކުންތައް ކައްކާ ރައްޓެހިންނަށާއި ގާތްތިމާގެ މީހުންނަށް ކެއުމުގެ ދަޢުވަތުދީ ކާންދީ އުޅުމަކީ ދިވެހިންގެ ޢީދު ފާހަގަކުރުމުގެ ސަގާފަތުގައި އޮންނަ ކަމެކެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާއިރު، މިފަހަރުގެ ފިތުރު ޢީދު ވަރަށް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ގިޑިގެތައް ދިއްލާ އިސްލާމީ ޝިޢާރުތައް ރަމްޒުކޮށްދޭ ކުލަ ބޮކިތަކުން މުޅި ރާއްޖެ ވަނީ ޖަރީކޮށްފައެވެ.

ރާއްޖޭގައި ޢާންމުކޮށް އެންމެ ކުލަގަދަކޮށް ފާހަގަކުރަނީ އަޟްޙާ ޢީދެވެ. އެހެންނަމަވެސް މިފަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ކުޅިވަރުތައްކުޅުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ތައްޔާރުވެފައެވެ. އެގޮތުން ދިވެހިންގެ ސަގާފީ ފަރި ނެށުންތަކާއި ސަގާފީ އަދި ދުވަސްވީ ކުޅިވަރުތައް ކުޅުމަށް ޖަމިއްޔާތަކާއި ކައުންސިލްތަކުން ވަނީ ތައްޔާރުވެފައެވެ.

ޢީދާއެކު އަޅުގަނޑުމެން ވިސްނަންވީ ކަމަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށެވެ. މުޖުތަމަޢުން ރުޅިވެރިކަން ނައްތާލާ، މުޖުތަމަޢުގައި އެކުވެރިކަން ހަރުލެއްވުމަށެވެ.