ޚަބަރު

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 70000އަށްވުރެ ގިނަ ފަތުރުވެރިން


  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު

  • ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %10.9 ހިއްސާކުރަނީ ޗައިނާ ފަތުރުވެރިން

  • ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 70000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށްވަނީ 71136 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާއެކު ރާއްޖެއަށް އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތައެވެ.

ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

ޗައިނާ – 71136
ރަޝިއާ – 65898
އިނގިރޭސިވިލާތް - 65731
އިޓަލީ – 60709

ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 650404 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނާއި އަޅާ ބަލާއިރު، 13.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 572748 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6570 ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން މިހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަަށް ސަރުކާރުން ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.