ޚަބަރު

ވަން ސްޓޮޕް ސަރވިސް ސެންޓަރެއް ޤާއިމްކުރައްވަނީ


މާލެއަކީ ރާއްޖޭގެ ވެރިރަށް ކަމަށްވުމާއި މާލެއަކީ އާބާދީ ވަރަށް ބޮޑު ސިޓީއަކަށްވުމުން މާލޭގައި ހުންނަ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ދައުލަތާ ގުޅުންހުރި އެތައް ޚިދުމަތެއް ހޯދުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެކެވެ. މިފަދަ ޚިދުމަތްތައް ހޯދުމަށް މީހުން އެކި އިދާރާތަކަށް ގޮސް ކިއޫގައި ތިބެންޖެހެއެވެ. އަދި އެންމެ ފޯމެއް ފުރުމަށްޓަކައި އެތައް އިދާރާއަކަށް ދަތުރުކުރަންޖެހޭ ޙާލަތު އާދެއެވެ. މީގެ އިތުރަށް އެކި ކަންކަމަށް ފައިސާ ދެއްކުމަށްޓަކައި ތަފާތު އިދާރާތަކަށް ދާންޖެހެއެވެ. މިފަދަ ޚިދުމަތް ހޯދުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ، އެކި މީހުން އެމީހުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަސައްކަތަށް ހޭދަކުރަން ބޭނުންކުރެވިދާނެ ވަގުތުތަކެއް މިކަމުގެ ބޭކާރުވެއެވެ.

ސަރުކާރުން ދެއްވާ މިފަދަ ޚިދުމަތްތައް ގިނަ ތަންތަނަށް ދިއުމުގެ ބަދަލުގައި އެއް ތަނަކުން ދެއްވުމަށްޓަކައި ވަން ސްޓޮޕް ސަރވިސް ސެންޓަރެއް ހެއްދެވުމަށް މިހާރު ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. 

ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކައުންޓަރ ބަހައްޓަވައިގެން ދެއްވާ ހުރިހާ ޚިދުމަތެއް މި ސެންޓަރަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މި ސެންޓަރު ހެއްދެވުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވައެވެ. ފަނަރަ މިލިޔަން ރުފިޔާގެ ބަޖެޓެއް ހޭދަކުރައްވައިގެން ހައްދަވާ މި ސެންޓަރ ޤާއިމްކުރައްވަން މި ވަގުތަށް ކަނޑައަޅުއްވާފައިވަނީ ހެންވޭރު ސޯމިލް ސަރަޙައްދުގައެވެ.

ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިކަމަކީ، ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ، ރައްޔިތުންނަށް ސަރުކާރުން ދެއްވާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދެއްވުމުގެ ސިޔާސަތުގެ ދަށުން ކުރައްވާ ކަމެއްކަމަށެވެ.

މި ސެންޓަރ ހެއްދެވުމަށް ހަމަޖެހިފައިވަނީ، އެތަނުގެ ޚިދުމަތް ލިބިގަންނަން ބޭނުންވާ މީހުންނަށް ޖާގައިގެ ގޮތުންނާއި ޚިދުމަތަށް ފަހިވާނެ ގޮތަކަށް ބައްލަވައިގެނެވެ. ސެންޓަރގެ ސަރަޙައްދުގައި ވެހިކަލް ޕާރކްކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޓްރެކްފިކް މައްސަލަތައް ކުޑަ ހަމަ އެހެންމެ ގޮސްއައިސްވުމަށް ފަސޭހަ އިންތިޒާމް ހަމަޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށްޓަވާ 2018 ގެ ކުރިން މި ސެންޓަރު ނިންމެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.