ޚަބަރު

"އެމްޑީޕީން މަސައްކަތްކުރަނީ ބާކީ އޮތް ދުވަސްތަކުގައި ކެންޕެއިން އިތުރަށް ވަރުގަދަކުރުމަށް"


  • ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވިގެންކަމަށް ވިދާޅުވި

  • އައްޑޫއަށްކުރި ދަތުރުގައި 5 ދާއިރާއެއްގެ ކެންޕެއިން މަސައްކަތްތައް ބެއްލެވި ކަމަށް

  • އެމްޑީޕީގެ މަޖިލިސް ކެންޕެއިންތައް ވަރަށް ފުރިހަމަކަމަށް ވިދާޅުވި

އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރާ ކެމްޕެއިން އިތުރަށް ވަރުގަދަކުރުމަށްކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެންޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކެންޕެއިންކުރުމަށް ބާކީ އޮތް ދުވަސްތަކުގައި ޕާޓީގެ ފަރާތުން މަސައްކަތްކުރަމުންދަނީ ކެންޕެއިންތައް ހަލުވިކަމާއެކު ކުރިއަށްގެންގޮސް އިތުރަށް ވަރުގަދަކުރުމަށްކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ އެމަނިކުފާނު އައްޑޫއަށް ކުރެއްވި ދަތުރުގައި 5 ދާއިރާއެއްގެ މަސައްކަތްތައް ބައްލަވާފައިވާ ކަމަށާއި މިދާއިރާތަކުގައި ކެންޕެއިންގެ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެމްޑީޕީގެ ކެންޕެއިން ޓީމުތަކުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

"ސަރުކާރު ޖަވާބުދާރީކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. ޤާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް ސަރުކާރުން މަޢުލޫމާތު އޮޅުންފިލުވުމަށް މަސައްކަތްކުރަންޖެހޭނެ. މިހެންވެ މަޖިލިސް އިންތިޚާބުގައި ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަޞީމް ވެސް ގެންދަވަނީ ދާއިރާތަކަށް ވަޑައިގެން އެޕާޓީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މަސައްކަތްކުރައްވަމުންނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާގެ ތެރެއިން އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ނުދެވިހުރި ހުރިހާ ދާއިރާއަކަށް ރަމަޟާން މަސް ނިމުމުގެ ކުރިން އެމްޑީޕީގެ ލީޑާރޝިޕުން ދަތުރު ކުރާނެ ކަމަށް އެޕާޓީންވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.