ޚަބަރު

މިހާރު ކުރަނީ ދެ މުސޫން ބެދޭ ވިއްސާރަ، އަލިވާނީ ބުދަ ދުވަހު: މެޓް އޮފީސް


  • އެންމެ ބޮޑަށް ވިއްސާރަކުރާނީ ދެކުނާއި މެދު ރާއްޖެތެރެއަށް

  • ވައި ޖެހޭނީ 3 މޭލާއި 13 މޭލާ ބާރުމިނުގައި

  • ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަނޑުތައް މަޑުވާނެ

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އަލިވާނެކަމަށް ލަފާކުރެވޭނީ ކުރިއަށްއޮތް ބުދަ ދުވަހުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ކުރާ ވިއްސާރައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންނަ ބުދަ ދުވަހަށް ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހު ވިއްސާރަކުރިޔަސް، މޫސުން އެންމެ ބޮޑަށް ގޯސް ވާނެކަމަށް ލަފާކުރެވޭނީ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެ ތެރެއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށާއި އުތުރުގެ އަތޮޅުތަކަށްވެސް ކޮންމެވެސްވަރަކަށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

ވައިގެ ބާރުމިނާ ގުޅޭގޮތުން މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ޢާންމު ގޮތެއްގައި ވައިޖެހޭނީ 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އަދި ކަނޑުތައް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަޑުވާނެ ކަމަށާއި ރާޅު ބާނި އުޅޭނީ 1 ފޫޓާއި 3 ފޫޓާ ދެމެދުކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިރޭ ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން އއ އަތޮޅަށް ރީނދޫ ސަމާލެއްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ނެރެފައެވެ. އިއްޔެވެސް މާލެއަށް ބޯކޮށް ވާރޭ ވެހި މާލެ ތެރޭ ވަނީ ފެން ބޮޑުވެފައެވެ.