ޚަބަރު

ރިޝްވަތުން ވަގުތީ ފައިދާއެއް ލިބުނަސް، މުސްތަޤްބަލުގައި ލިބޭނީ ގެއްލުން: ޝާމިލް


  • އޭސީސީގެ ރައީސް ވަނީ ރިޝްވަތުގެ ސަބަބުން މުޖްތަމަޢުއަށް ލިބޭނެ ގެއްލުންތަކަށް އަލިއަޅުއްވާލައްވާފައި

ރިޝްވަތުން ވަގުތީ ފައިދާއެއް ލިބުނަސް، މުސްތަޤްބަލުގައި ޤައުމަށް ލިބޭނީ ގެއްލުންކަމަށް އެންޓި ކޮރަޕްޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭސީސީގެ ރައީސް ވަނީ ރިޝްވަތުގެ ސަބަބުން މުޖްތަމަޢުއަށް ލިބޭނެ ގެއްލުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

އޭސީސީގެ ރައީސް ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ރިޝްވަތުދޭ ފަރާތްތަކަށް ހަރުކަށި އަދަބުތައް ޤައުމުތަކުގައި ކަނޑައަޅާފައިވަނީ އޭގެ ސަބަބުން ފަހުން ގައުމަށް ކުރިމަތިވާ ނުރައްކާ ބޮޑުވުމުންކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި ވޯޓްދިނުމުގައި ނަޒާހާތްތެރިކަން އިސްނުކޮށްފިނަމަ، ކުރިއަށް އޮތްތާނގައި ޤައުމަށް އަގު ނުކުރެވޭވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެކަމަށް ޝާމިލް ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަށް ދޭ އެއްޗެއްގައި ހިފައިގެން ނުވާނެ. އެންމެ މުހިންމު ކަމަކީ ރިޝްވަތުން ދުރުވެ ޙާޤީޤީ ނާޖާއިޒް ކަންކަމުން ދުރުވެ، ޙަޤީޤީ ފައިދާ ރައްޔިތުންނަށް ލިބޭ ރައްޔިތުންގެ އަޑު އަހާ ނަޒާހާތްތެރި މަޖިލީހެއް ހޮވުން. އަދި ކުރިމަތިލައްވައިގެން ތިއްބެވި ބޭފުޅުންގެ ޢަމަލުތައްވެސް ނަޒާހާތްތެރިކަމާއެކު ބަހައްޓައިގެން ޑިމޮކްރެޓިކް މާޙައުލެއްގައި މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް." ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު ރައްޔިތުންގެ ޤައުމީ ވާޖިބަކީ ނަޒާހާތްތެރިކަމާއެކު ވޯޓުލުން ކަމަށެވެ. އަދި މަޖިލީހަށް އިންތިހާބުކުރަންވާނީ ނަޒާހާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާ ކެންޑިޑޭޓުންކަމަށްވެސް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

އޭސީސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިޝްވަތުގެ ކަމެއް ހިނގާނަމަ ރިޕޯޓުކުރުމަށް ޚާއްސަ ޕޯޓަލެއްވެސް ޤާއިމްކޮށްފައިވެއެވެ.