ޚަބަރު

ޤައުމުގެ އެއްބައިވަންތަކަން ގުޅުވައިދޭ ޗޭނަކީ ދިވެހިބަސް: އާދަމް ޝަރީފް


  • ދިވެހިބަހަކީ ޤައުމިއްޔަތު ދެމެހެއްޓުމަށް ބޭނުންކުރެވޭ ހަތިޔާރެއް

  • ތަރުތީބަކުން މީހުންނަށް ދޭހަވާނެހެން ދިވެހިބަހުން ވާހަކަދެއްކުން މުހިންމު

  • ދިވެހިބަހުގެ ގަވާއިދު ދެ ފޮތެއް ނެރެފައިވޭ

ޤައުމު ކުރިއެރުވުމުގައި ޤައުމުގެ އެއްބައިވަންތަކަމާއި ދިވެހިންގެ މެދުގައި އޮތް އެކުވެރިކަން ގުޅުވައިދޭ ޗޭނަކީ ދިވެހިބަސްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑެމީން ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެބައެއްގެ މާދަރީބަހަކީ އެޤައުމެއްގެ ކުރިއެރުމާއި ޤައުމު ތަހުޒީބުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އަދި ދިވެހިންގެ މާދަރީބަސްކަމަށްވާ ދިވެހިބަހަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ޤައުމިއްޔަތު ދެމެހެއްޓުމަށް ބޭނުންކުރެވޭ އެންމެ ވަރުގަދަ އެއް ހަތިޔާރުކަމަށެވެ.

ވަޒީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތާއި ޤައުމު ތަރައްޤީކުރަން ބޭނުންވާނަމަ ދިވެހިބަސް ހިމާޔަތްކޮށް ރައްކާތެރިކޮށް ތަރައްޤީކުރަންޖެހޭ ކަމަށެވެ.

"ދިވެހި ޤައުމަށް ބޭނުންވާ ހުރިހާ ބަހެއް، ހުރިހާ އަކުރުތަކެއް އެކުލެވިގެން އޮތް ވަރަށް މުއްސަނދި ބަހެއް ދިވެހިބަހަކީ. އަޅުގަނޑުމެން މި ޤައުމުގައި ޤައުމިއްޔަތު ދިރުވާ އާލާކުރަން ބޭނުންވާ ނަމަ، ދިވެހިންގެ އެއްބައިވަންތަކަމާއި އެކަތިގަނޑެއްގެ ގޮތުގައި ތިބެން ބޭނުންނަމަ ދިވެހިބަސް ދިރުވާ އާލާކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް އޮތް ލާޒިމްކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފްވަނީ މިހާރު ދިވެހި މުޖުތަމަޢުގައި ބަސް އޮތް ހާލަތަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަސްމީ މުނާސަބާތުތަކާއި ޢާންމު ތަންތަނުގައި ދިވެހިބަހުން ވާހަކަދައްކާއިރު އެންމެ އެކަށޭނަ ހަރުދަނާ ބަސްމަގުން ވާހަކަނުދެއްކޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ހާލަތުން އަރައިގަނެ ބަސް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ފަންނިއްޔާތުގެ ޒަރިއްޔާއިން ބަސް ކުރިއެރުވުމަށް ކުރެވެންހުރި އެކި ކަންކަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން ފަތްތޫރަ ފަދަ އިހުގައި ނެރުނު ފޮތްތައް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސިދާނެކަމަށް ވިދާޅުވިއެވެ.

ދިވެހިބަހަށް އިސްކަންދީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ވުޒާރާތަކަށް ކިޔާނެ ނަންނަން ކަނޑައަޅުއްވާ، ދިވެހިބަހާ ބެހޭ ވުޒާރާއެއް އުފައްދަވާފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަނ ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.