ޚަބަރު

ކޮތަރު ކޮށިތަކެއްކަމަށް ބުނެ ތަޅާލަން އުޅުނު ހިޔާ ފްލެޓްތަކަށް ދިރުން ގެނެސްދިނީ މި ސަރުކާރުން


ސަރުކާރު ވެރިކަމާއި ހަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައި ހުރި އެތައް ދަތިތަކަކަށް ހައްލު ގެނެސްދީ، މާލީ ގޮތުން ބޮޑެތި ލުއިތައް ހަމަޖައްސައިދީފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައި މިވަނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލަތާއި ގުޅޭގޮތުން ހަގީޤަތާއި ހިލާފު ވާހަކަތަކެއް ބައެއް ފަރާތްތަކުން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2017 ވަނަ އަހަރު ތަރައްޤީކުރަން ފެށި ހިޔާ ފްލެޓަކީ 25 ބުރީގެ 16 ޓަވަރެވެ. ޕީޕީއެމްގެ ވެރިކަން 2018 ވަނަ އަހަރު ނިމުނުއިރު ހިޔާ ޓަވަރުތަކުގެ މަސައްކަތް ނިންމާލާފައިވީނަމަވެސް، 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވި ސަރުކާރުން ހިޔާ ފްލެޓްގެ ހައްގުވެރިންނާއި އެތަން ހަވާލުނުކޮށް އެތައް ދުވަހެއް ހޭދަކުރިއެވެ. ފްލެޓްތައް ހައްގުވެރިންނާއި ހަވާލުނުކުރުމަށް އޭރުގެ ސަރުކާރުން ދިޔައީ އެތައް ބަހާނާއެއް ދައްކަމުންނެވެ. އެގޮތުން އެއީ ކޮތަރު ކޮށިތަކެއްކަމަށާއި، އެތަން ތަޅާލަންޖެހޭކަމަށް އޭރުގެ ވަޒީރުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ފާޑުކިޔުމާއި ޝަކުވާތައް ގިނަ ވެގެން ހިޔާ ޓަވަރުގެ ފްލެޓްތައް ހައްގުވެރިންނާއި ހަވާލުކުރީ އެތަނުގެ މަސައްކަތް ނިމުނުތާ ދެތިން އަހަރު ފަހުންނެވެ. ނަމަވެސް ފްލެޓްތައް ހަވާލުކުރިއިރު އޭރުގެ ސަރުކާރުން ކަންކަން ކުރި ގޮތުން ރައްޔިތުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދިޔައެވެ. އެގޮތުން ފްލެޓްތައް ހަވާލުކުރިއިރު ފިނިޝިންގ ނުނިންމުމާއި، ކޮޓަރީގެ ދޮރުތައް ނެތުމާއި، އަދި އެފަދަ ތަނެއްގައި ކޮންމެހެން ހުންނަންޖެހޭ އެތައް ވަސީލަތްތަކެއް ހުރީ ޤާއިމްނުކޮށެވެ. މީގެއިތުރުން އެހާ ގިނަ ބަޔަކު އުޅޭ ސަރަހައްދެއްގައި ކޮންމެހެން ލިބެންޖެހޭ އަސާސީ ހިދުމަތްތައްވެސް ހުރީ ޤާއިމްނުކޮށްކަން ފާހަގަކޮށްލެވެއެވެ. ޓަވަރުތަކުގެ ކައިރީގައި ހުރި މަގުތައް ހަދާފައި ނެތްއިރު، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތެއްވެސް ޤާއިމްކޮށްފައި ނެތްކަން އޭރު އާއްމުން ދިޔައީ ފާހަގަކުރަމުންނެވެ.

ޤާއިމްކުރަންޖެހޭ ހިދުމަތްތައް ޤާއިމްކޮށްފައި ނެތްއިރު، ދައްކަންޖެހޭ ކުލިވެސް ކުރީ ސަރުކާރުން އޮތީ ބޮޑުކޮށްފައެވެ. ފިނިޝިންގއަށް ހަރަދުކުރަމުން، ބޮޑު ކުއްޔެއް ދައްކަންޖެހުންވީ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ތަކުލީފެކެވެ.

ހިޔާ ޓަވަރުގައި ދިރިއުޅޭ ފަރާތްތައް އެތައް ދައްޗަކާއި ތަކުލީފެއްގައި އުޅެނިކޮށް، އެ ރައްޔިތުންނަށް އުއްމީދުތައް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ހަރަދުކުރި ޖުމްލަ ފައިސާގެ ތެރެއިން 200،000 ރުފިޔާ އުނިކޮށްދެއްވާފައެވެ. އަދި ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި ކުރިން ރައްޔިތުން ދައްކަމުން އައި 7500 ރުފިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޑަކޮށްދެއްވާފައެވެ. އެގޮތުން މިހާރު ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 3984 ރުފިޔާއެވެ. މީގެ ސަބަބުން ރައްޔިތުންގެ މާލީ ޚަރަދުތަކަށް ބޮޑު ލުޔެއް ލިއްބައިދިނެވެ.

މީގެ އިތުރުން ހިޔާގެ ކޮންމެ ފްލެޓެއްގައި އިތުރު 2 ލިފްޓް ހަރުކޮށްދީ ފްލެޓުތަކަށް އަރާއިރު ރައްޔިތުންނަށް ޖެހޭ ތަކުލީފުތަކަށް މި ސަރުކާރުން ވަނީ ބޮޑު ލުޔެއް ހޯދައިދީފައެވެ. އަދި މި ލިފްޓުތަކަކީ ސްޓްރެޗަރ އެރުވޭ ވަރުގެ ޖާގަ ތަނަވަސް ލިފްޓުތަކެކެވެ. ހަމައެއައިއެކު ރޯދަ މަހަށް ޚާއްސަކޮށްގެން ހިޔާ ސަރަހައްދުގައި ވަގުތީ މިސްކިތްތައް އިމާރަތްކުރުމަކީވެސް ދިރިއުޅޭ ތަން ކައިރީގައި ފަސޭހައިން ރައްޔިތުންނަށް ނަމާދަށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްދެއްވާފައިވާ ކަމެކެވެ. އަދި ރޯދަމަހަށް ހާއްސަކޮށް ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓް ހެދުމާއި ހިޔާ ޓަވަރު 8 ގައި އިސް ރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމަކީ ވެސް ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދަށް ދިރުން ގެނެސްދިނުމަށް ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމެވެ.