ޚަބަރު

އިންޑިއާ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެނައީ އުޅަނދު އުފެއްދި ކުންފުނީގެ މުވައްޒަފުން: ޒަމީރު


  • ހެލިކޮޕްޓަރު ދުއްވަން ތިބީ ހިންދުސްތާން އެއަރރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުން

  • ހެލިކޮޕްޓަރު ދުއްވަން 26 މީހަކު ހަރަކާތްތެރިވާނެ

އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރަން ހަރަކާތްތެރިވި އިންޑިއާގެ ސިފައިންގެ ބަދަލުގައި، އެ އުޅަނދުތައް އޮޕަރޭޓްކުރަން ގެނައި ސިވިލިއަނުންނަކީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުންކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވެފައި މިވަނީ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެނައި އިންޑިއާގެ ސިވިލިއަނުން ރާއްޖޭގައި ތިބުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެފައި ތިބުމާއި އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް، ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް މިވަގުތު ތިބި ސިވިލިއަނުންނަކީ ހެލިކޮޕްޓަރު އުފެއްދި ކުންފުނިކަމަށްވާ "ހިންދުސްތާން އެއަރރޮނޮޓިކްސް ލިމިޓެޑްގެ" މުވައްޒަފުން ކަމަށެވެ. އަދި ރާއްޖޭގައި އެކި މަސައްކަތްތައްކުރުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް މިހާތަނަށް ނުރައްކާވެފައި ނުވާކަމަށެވެ. އެހެންކަމުން ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ސިވިލިއަނުން ތިބެގެން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަކަށް ޤަބޫލު ނުކުރެވޭކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން ބުނަމުންދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެފިނަމަ ޤައުމީ ސަލާމަތަށް ގެއްލުން ވާނެއޭ. އެހެންވީމަ އަޅުގަނޑުމެން އިންޑިޔާ ސަރުކާރަށް ރިކުއެސްޓްކުރީ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދަން. އެއާ އެއްގޮތަށް އިންޑިއާ ސިފައިން ގޮސް، ހެލިކޮޕްޓަރު އުފެއްދި ކުންފުނީ މުވައްޒަފުން މިހާރު އައިސް އެތިބީ." ވަޒީރު ވިދާޅުވިއެވެ.

އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް އޮޕަރޭޓުކުރަން މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ 26 ސިވިލިއަނުން ނުބަތަ އަސްކަރިއްޔާއަށް ނިސްބަތްނުވާ ބައެކެވެ. އެ މީހުންގެ މަސައްކަތަކަށް އޮންނަނީ ދެ ހެލިކަޕްޓަރާއި ޑޮނިއާ މަތިންދާބޯޓު ދުއްވައި، އެ އުޅަނދުތަކުގެ މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމެވެ.