ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިއަހަރު ތެރޭގައި 50 ރަށެއްގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް އެއްފަހަރާ ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ހދ. މަކުނުދޫއަށް ވަޑައިގެންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އައު އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.
މި އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމާއި ގުޅޭ މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށާއި އެކަމަށް ޚާއްސަ އުޞޫލެއްވެސް ތައްޔާރުކޮށްފައިވަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބަލައިގެން ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ކަނޑައެޅުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަޞީލަތްތައް ޗައިނާ ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މި އޮފީސް އިމާރާތްތައް ތަރައްޤީކުރާނީ އެކަށީގެންވާ ޖާގައާއި ޒަމާނީ ވަޞީލަތްތައް ހިމަނައިގެން ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ އިންތިޒާމްތަކާއެކުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކައުންސިލްތައް ބާވުމުގެ އިތުރުން ލާމަރުކަޒީ ނިޒާމް ތަޢާރަފްކޮށްފައިވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނޫންނަތީޖާއަކަށްވީ އެއްވެސް ވަރެއްގެ ޖާގައެއް އޮފީސް އިމާރަތުގައި ނެތި މަސައްކަތް ކުރަން ޖެހުން. އަދި އިންސާނީ ވަޞީލަތްތައް އިތުރުކުރެވޭނެ ގޮތް ނެތް. މި ޒަމާނުގައި ބެނުންވާ ޓެކްނޮލަޖީ ވަޞީލަތްތައް އިތުރުކުރެވޭނެ ޖާގައެއް ނެތް"ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ސަރުކާރުން ނިންމަވާފައިވަނީ ފެންވަރު ރަނގަޅު ޖާގަ ތަނަވަސް ކައުންސިލް އޮފީސްތައް ޤާއިމުކުރުމަށެވެ. އޮފީސްތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި އިސްކަން ދެނީ އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އާބާދީގެ ގޮތުން އެކަމަށް އެންމެ ބޭނުންޖެހިފައިވާ ރަށްތަކަށެވެ. އަދި އޮފީސް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.