ޚަބަރު

50 މިލިއަން ޑޮލަރު ދެއްކުމަށް ލުއި ގޮތްތަކެއް އިންޑިއާއިން ހަމަޖައްސައިދީފި


  • - މިއީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދީފައިވާ 50 މިލިއަން ޑޮލަރު

  • - އިންޑިއާ ސަރުކާރުން ވަނީ ފައިސާ ދެއްކުމަށް އިތުރު އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައި

  • - ވަޒީރު ޒަމީރު އިންޑިއާއަށް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފައި

ބަޖެޓު ސަޕޯޓުގެގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

މިކަން ހާމަކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މެއިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް އިންޑިއާ ސަރުކާރުން ދީފައިވާކަމަށެވެ.

ބަޖެޓު ސަޕޯޓުގެގޮތުގައި ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާއިން ނަގާފައިވާ 200 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު އިންޑިއާއަށް ވަނީ ދައްކާފައިވާއެވެ. އަދި ނުދައްކާ އޮތް 150 މިލިއަން ޑޮލަރުގެ ތެރެެއިން މި މެއި މަހަށް ދެއްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އިންޑިއާއިން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުން ދައްކާދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިދިޔަ ހަފްތާގައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ދަޢުވަތަކަށް އެޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ވަޒީރު ޒަމީރު ވިދާޅުވީ ރާއްޖެއަށް ދިމާވާ ކަންކަމުގައި އަބަދު ވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާކަމަށެވެ. އެގޮތުން އިންޑިއާއިން ދައްކަންޖެހޭ ލޯނުތަކަށް ލުއި ގޮތްތަކެއް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން އިންޑިއާގެ ހާރިޖީ ވަޒީރު ދެއްވާފައިވާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.