ޚަބަރު

މިއަހަރުގެ އޭޕްރީލް މަހު މީރާގެ އާމްދަނީ %13.6 އިތުރު


  • އޭޕްރީލް މަހު ލިބިފައިވަނީ 2.11 ބިލިއަން ރުފިޔާ

  • އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީން

މިއަހަރުގެ އޭޕްރީލްމަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %13.6 އިތުރުވެއްޖެއެވެ. އޭޕްރީލް މަހުގެ ތެރޭގައި މީރާއަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި މީރާއަށް 2.11 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %13.6 އިތުރު އަދަދެކެވެ. އަދި، އެޕްރީލް 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %4.8 ގިނަ އަދަދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 1.45 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 148.81 މިލިއަން ރުފިޔާއެވެ. އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 108.76 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 106.32 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 105.79 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 192.44 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އެޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީގެ ގޮތުގައި 91.87 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އެޕްރީލްމަހާއި އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ. އަދި މާރިޗު 2023 އާއި އަޅާބަލާއިރު މާރިޗު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %11.9 އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް ސަބަބެއްކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، މާރިޗު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.3% އިތުރުވުމާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.