މިދިޔަ ފެބްރުއަރީ މަސް ނިމުނު އިރު ގްރީން ފަންޑުގައި 1.2 ބިލިއަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ މިއަހަރުގެ ފެބްރުއަރީމަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފެބްރުއަރީމަހު އެ ފަންޑަށްވަނީ 102 މިލިއަން ރުފިޔާ ޖަމާވެފައެވެ. އަދި މިއަހަރުގެ ފުރަތަމަ 2 މަސްދުވަސްތެރޭ އެ ފަންޑުންވަނީ އެކި މަޝްރޫޢުތަކަށް 94 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
އެގޮތުން ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެގޮތުގައި ނަގައެވެ.
މިދިޔަ އަހަރު ނިމުނު ހުރި އަދަދު : 1.1 ބިލިއަން ރުފިޔާ
ޖެނުއަރީމަހު : 99 މިލިއަން ރުފިޔާ
ފެބްރުއަރީމަހު :102 މިލިއަން ރުފިޔާ
މިއާއެކު ފުރަތަމަ 2 މަސްތެރޭ ގްރީން ޓްކްސްގެގޮތުގައި ލިބިފައިވަނީ 202 މިލިއަން ރުފިޔާއެވެ.
މިދިޔަ ފެބްރުއަރީމަހުގެތެރޭ ގްރީން ފަންޑުންވަނީ 10 މަޝްރޫޢަކަށް ޚަރަދުކޮށްފައެވެ. މީގެތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ގްރޭޓަރ މާލެ ވޭސްޓު ޓު އެނަރޖީ ޕްރޮޖެކްޓަށެވެ. އެ މަޝްރޫޢުއަށް ގްރީނ ފަންޑުން ފެބްރުއަރީމަހުގެތެރޭ ވަނީ 14 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.