ފައިސާ ޗާޕުކުރުން ހުއްޓާލައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން މަރުހަބާ ތައުރީފްކޮށްފިއެވެ.
މާލީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އައިއެމްއެފުން ފާހަގަކޮށްފައިވަނީ ރާއްޖޭގެ މާލީ ހާލަތު ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދިޔަ "އާޓިކަލް ފޯ" ކޮންސަލްޓޭޝަނަށްފަހު ނެރުނު ނޫސް ބަޔާނުގައެވެ.
އައިއެމްއެފުގެ އެގްޒެކްޓިވް ބޯޑުން ނެރެފައިވާ ނޫސް ބަޔާނުގައިވަނީ 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދަށް 13.9 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ކުރިއެރުމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންކަން އައިއެމްއެފުން ފާހަގަކުރެއެވެ.
އައިއެމްއެފުން ލަފާކުރާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ހުރީ 4.4 އިންސައްތައިގައެވެ. އަދި މި އަދަދު މިއަހަރު ނިމޭއިރު މި އަދަދު 5.2 އިންސައްތައަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަމިނަލް ބޭނުންކުރަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޤައުމީ އުފެއްދުންތެރިކަން މި އަދަދަށްވުރެ އިތުރުވުން އެކަށީގެންވާކަމަށްވެސް އައިއެމްއެފުން ލަފާކުރެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 589 މިލިއަން ޑޮލަރު ނުވަތަ 9.1 ބިލިއަން ރުފިޔާއެވެ. އައިއެމްއެފްއިން ބުނި ގޮތުގައި އެއީ ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް އެތެރެކުރެވޭނެ މިންވަރެކެވެ.
އައިއެމްއެފުން ވިދާޅުވީ ދައުލަތުގެ ދަރަނި މިދިޔަ އަހަރުތެރޭ އިތުރުވެފައިވާތީ ރާއްޖޭގެ އިޤްތިސާދު އޮތީ ނާޒުކު ފައްތަރެެއްގައިކަމަށެވެ. އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ފިޔަވަޅުތައް އަވަސްކުރުން މުހިއްމުކަން އައިއެމްއެފްއިން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުކުރާ ޤައުމަކަށްވާއިރު، ރަށްރަށުގައި ފެންބޮޑުވުން ފަދަ ހާދިސާތައް އިތުރުވެ، މިކަމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހޭދަތައް އިތުރުވާނެކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ.
ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމަށްވެސް އައިއެމްއެފުން ވަނީ ލަފާދީފައެވެ. އައިއެމްއެފްގެ ނޫސްބަޔާނުގައި ފައިސާ ޗާޕުކުރުން ހުއްޓާލައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔައި ރިފޯމްގެ މަސައްކަތްތައް އަވަހަށް ތަންފީޒްކުރުމަށް ވަނީ ބާރު އަޅާފައެވެ.
އެގޮތުން ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށް، ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުކޮށް، ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކުުރުމަށް މަސައްކަތްކުރުމަށް އައިއެމްއެފްގެ އެގްޒެގެޓިވް ބޯޑުން ވަނީ ލަފާދީފައެވެ.