ޚަބަރު

ރާއްޖެ އެތެރެކުރާ ކާބޯތަކެތީގަ ކެމިކަލް އެކުލެވޭ މިންވަރު ބަލަން ސާމްޕަލް ނަގަން ފަށަނީ


  • ކާބޯތަކެތީގެ ސާމްޕަލް ނެގުމަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއެކު ރައްކާތެރި ނޫންގޮތުގައި އެތެރެކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި ފައްޓަވާނެކަމަށް ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޞިއްޙީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޚަލީލް ވިދާޅުވީ ރާއްޖެއަށް އެތެރެކުރެވޭ ފަތްޕިލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފެށުމަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ސާމްޕަލް ނެގުމަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓުކުރަން ޖެހުނަސް އެކަން ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަޝްވަރާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށިގެންދިމުން އެތަކެތީގަ ނުރައްކާތެރި މާއްދާތައް ހުރީ ކިހާވަރަކަށްކަން އެނގި އެތެރެކުރާ ފަރާތްތަކަށް ރައްކާތެރި ގޮތުގައި ކާބޯތަކެތި އެތެރެކުރުމަށް ބާރުއެޅޭނެ ކަމަށެވެ. އަދި މިއީ ރައްކާތެރި ކާބޯތަކެތި ދިވެހިންނަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް ލިބޭ ބޮޑު ބާރަކަށްވާނެކަމަށްވެސް ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.

"ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ތަފާތު ކެމިކަލްތައް ބޭނުންކުރޭ. އެތަކެތި ބޭނުންކޮށްގެން ހައްދާ ބާވަތްތަކުގައި ކެމިކަލް ހުރި މިންވަރު ރާއްޖޭގައި ޓެސްޓް ކުރެވޭވަރު މަދު. މިހެންވެ މި ކެމިކަލްތަކުގެ މާއްދާތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ގޮތްތަކާމެދު އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން" ވަޒީރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލެއްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ވަޒީރު ވިދާޅުވީ މި ބިލު ގެޒެޓުކުރެވުމާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ބާރުތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ރައްކާތެރިނޫން ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު، އެމްއެފްޑީއޭއަށް ލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސާންޕަލް ކުރުމަށްފަހު ތަކެތި އެތެރެކުރެވޭ ގޮތަށް ހެދުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.