ޚަބަރު

ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި


  • ޖުލައި 31ގެ ކުރިން ސްކޮލަރޝިޕްތަކަށް ހުށައެޅޭނެ

  • ސްކޮލަރޝިޕް ދެނީ ފުރަތަމަ ޑިގްރީ ހާސިލްކުރުމަށް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތުތައް ހުޅުވާލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ރައީސް ދެއްވާ ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ ސްޓަރ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުން ކަމަށެވެ. އަދި އެ ޝަރުތު ހަމަވާ ދަރިވަރުންނަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށައެޅޭނެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުން ކަމަށެވެ. އަދި އެ ޝަރުތު ހަމަވާ ދަރިވަރުންނަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ސްކޮލަރޝިޕަށް އެދި ހުށައެޅޭނެއެވެ. މި ސްކޯލަރޝިޕުތަކާ ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ފުރުޞަތު ދެވޭނީ އެ ވުޒާރާގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ކަމަށެވެ. އަދި ރައީސްގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ސްކޮލަރޝިޕްތަކުގައި ފުރުޞަތު ދެނީ ފުރަތަމަ ޑިގްރީ ޙާސިލްކުރުމަށެވެ. އެގޮތުން ޑިގްރީ ޙާސިލްކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ދިވެހި ސަރުކާރުންނެވެ.