ޚަބަރު

ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި


  • ޔުނާން ޕްރޮވިންސްއާއި ރާއްޖެއާއި ދެމެދު މިހާރުވެސް ގާތްގުޅުމެއް އޮވޭ

  • ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާވަނީކޮށްފައި

  • ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާކުރެވުނު

ޗައިނާގެ ޔުނާން ޕްރޮވިސްއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމެޓީގެ ވައިސް ޗެއަރ ލީ ޝިއާއޯސަން މިހާރު ރާއްޖެއަށް ކުރއަށްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ވަޒީރު ސައީދު ވަނީ ޔުނާން ޕްރޮވިންސާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ޔުނާންގެ ކުންމިންގައި ބާއްވާ ކުންމިންގު ފެއާރގެ ތެރެއިންނާއި ކުޅިވަރުގެ ދާއިރާއިން ހާއްސަކޮށް ޓޭބަލް ޓެނިސްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ވަޒީރު ސައީދު ވިދާޅުވީ ވައިސް ޗެއަރ ލީ ޝިއާއޯސަންގެ މި ދަތުރުފުޅާއެކު ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ވިޔަފާރި އާއި އިޤްތިސާދީ ދާއިރާއިން ދެ ޤައުމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ބަދަހި ކުރުމުގައި، ރައްޔިތުންގެ މެދުގައި ގާތްގުޅުމެއް އޮތުން މުހިއްމުކަމަށާއި މިއީ ވިޔަފާރީގެގޮތުން ގުޅުން ބަދަހިކުރުމުގައިވެސް މުހިއްމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ވައިސް ޗެއަރ ލީ ޝިއާއޯސަން އަދި ވަފުދުގައި ހިމެނޭ ފަރާތްތަކުން މިފަދަ ދަތުރެއް ރާއްޖެއަށް ކުރާތީ ޝުކުރު އަދާކޮށްފައެވެ. އަދި ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިޤްތިސާދީ ޕާޓްނަރޝިޕަކަށް ބަދަލުވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.