ޚަބަރު

އަތޮޅުތެރޭގެ އިތުރު ހޮސްޕިޓަލްތަކުގައި އޮކްސިޖަން ޕްލާންޓްތައް ޤާއިމްކުރަނީ


  • އޮކްސިޖަން ޕްލާންޓް ހުރީ އަޖީއެމްއެޗް އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެކަނި

  • އަތޮޅުތެރެއަށް އޮކްސިޖަން ފޯރުކޮށްދެނީ މާލެއިން

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ސިއްޙީ ޚިދުމަތުގައި ބޭނުންކުރަމުންދާ އޮކްސިޖަންއަކީ ތިލަފުށީގައި އުފައްދައިގެން މުޅި ރާއްޖެއަށް ފޯރުކޮށްދެމުންދާ އެއްޗެއްކަމަށެވެ. އަދި މިވަގުތު އޮކްސިޖަން ޕްލާންޓް ބަހައްޓާފައި ހުރީ ހަމައެކަނި އައިޖީއެމްއެޗްއާއި ކުޅުދުއްދުށީ ރީޖަނަލް ހޮސްޕިޓަލްގައިކަން ޢަބްދުﷲ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް ފަސެހައިން އޮކްސިޖަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުﷲ މުޙައްމަދު ވިދާޅުވީ އެ ކުންފުނި މެދުވެރިކޮށް ބޮޑެތި ހޮސްޕިޓަލްތަކުގައި އޮކްސިޖަން ފޯރުކޮށްދޭނެ ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސިއްޙަތާ ބެހޭ ވުޒާރާއާއެކު މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ކޮންމެވެސް އެއް ސަރަހައްދެއްގެ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ބެހެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަހަރު ނިމުމުގެ ކުރިން މަދުވެގެން ރާއްޖޭގެ އެއް ސަރަޙައްދުގައި، އަމާޒުކުރަނީ 2 ސަރަޙައްދެގެ ހޮސްޕިޓާތަކުގައި އޮކްސިޖަން ޕްލާންޓް ބެހެއްޓޭނެކަމަށް. އޭގެ ސަބަބުން އެ ސަރަޙައްދެއްގެ ސިއްހީ މަރުކަޒުތަކަށް އޮކްސިޖަން ހޯދުމަށް މާލެ އަންނާނާކަށް ނުޖެހޭނެ. އެ ސރަޙައްދަކުން ފޯރުކޮށްދޭނެ" މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

އޮކްސިޖަން ގޭހަކީ ސިއްޙީ ފަރުވާގެ ބޭނުންތަކަށާއި، ސިނާއީ ބޭނުންތަކަށް ޚާއްސަކޮށްގެން ބޭނުންކުރާ ގޭހެކެވެ. މޯލްޑިވް ގޭހުން ތިލަފުށީގައި %99 ސާފު އޮކްސިޖަން އުފައްދާ ޕްލާންޓެއް ބަހައްޓައި ޚިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގައެވެ. ސިއްޙީ ކަންކަމާއި، އިންޑަސްޓްރިއަލް ބޭނުންތަކަށް ފޯރުކޮށްދޭ އޮކްސިޖަން ގޭސް، ރާއްޖޭގައި ފޯރުކޮށްދެމުންދާ ކުންފުންޏަކީ މޯލްޑިވް ގޭހެވެ.