ޚަބަރު

މުޖުތަމައު ބާރުވެރިކުރުމަށް ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީ ދެނީ


  • ފަންނީ އެހީއާއި މިނިސްޓްރީގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތުވެސް ދޭނެ

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ، 4 ޖުލައިގެ 13:00

މަދަނީ ޖަމްޢިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުމަށް ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކަށް ފައިސާގެ އެހީ ދިނުމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން މިހާރު ހުޅުވާލާފައިވާއިރު، އެހީ ދިނުމަށް ނިންމަވާފައިވަނީ، ޖަމްޢިއްޔާތަކާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.

މިޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމާއި އެވުޒާރާގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުޞަތު ޖަމްޢިއްޔާތަކަށް ދިނުމާއި އަދި އެ ވުޒާރާގެ ފަރާތުން ފަންނީ އެހީތެރިކަން ދިނުމަށްވެސް، ވަނީ ނިންމަވާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި. މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ މިއީ ވަރަށް ގިނަ ޖަމްޢިއްޔާތަކުން އުންމީދު ކުރަމުން އައި ކަމެއް ކަމަށެވެ. އެފުރުސަތު ހުޅުވާލެއްވީ އެކަމަށް ވަރަށް ރަނގަޅު އުސޫލެއް ހެދުމަށް ފަހު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ހުށައަޅަން ޖެހެނީ ޕްރޮޕޯސަލް އެއް. ދެން އަޅުގަނޑުމެން އިވެލުއޭޓް ކޮށްފައި، ދެން ގަބޫލު ކުރަންވާނެ އަޅުގަނޑުމެންގެ އަތުގައި މާބޮޑު ބަޖެޓެއް އޮތީކީއެއް ނޫން. ނަމަވެސް އޮތް ވަރަކުން އަޅުގަނޑުމެން މި ބަލަނީ ހުރިހާ ބޭފުޅުންނަށް ވެސް މި އެހީތެރިކަން ދެވޭތޯ" ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 4 ޖުލައި 2024 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ، މަޝްރޫޢު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމަށް ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައި.ޑީ.ކާޑު ކޮޕީގެ އިތުރުން ރަށުތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫޢު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ހިމެނެއެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުންކަމަށް މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.