ޚަބަރު

މާލީ ބަޔާން ހުށަހެޅުމުގެ ފަހުދުވަސް، 182 ކެންޑިޑޭޓުން، ބަޔާން ހުށަނާޅާ


  • މިހާތަނަށް މާލީ ބަޔާން ހުށައެޅީ 186 ކެންޑިޑޭޓުން

  • މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއްވި

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށައަޅާފައިވަނީ 186 ކެންޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ. މިއަދަކީ މާލީ ބަޔާން ހުށައެޅޭނެ އެންމެ ފަހު ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލީ ބަޔާން ހުށައެޅި 186 ކެންޑިޑޭޓުންގެ ތެރެއިން 127 މީހުންނަކީ ޕާޓީތަކުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށެވެ. އަނެއް 59 މީހުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކަމަށްވެސް ކޮމިޝަނުން ހާމަކުރައްވައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ހަދާފައިވާ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެއެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅާއިރު ފައިސާއާއި މުދާ ހިމެނޭ ގޮތުން އިންތިޚާބާ ގުޅިގެން އެ ކެންޑިޑޭޓަކު ކޮށްފައިވާ ހުރިހާ ޚަރަދުތަކެއްގެ ތަފްސީލު ހުށައަޅަންޖެހޭނެއެވެ. އަދި އިންތިޚާބުގައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލުވެސް ހުށައަޅަންޖެހޭނެއެވެ. އިންތިޚާބަށް ޚަރަދުކުރުމަށް ފައިސާ ހޯދިގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާއާއި ތަކެތި ދިން ފަރާތްތަކާ އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލުވެސް މާލީ ބަޔާނުގައި އޮންނަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ޤާނޫނުގައި ބުނާ މުއްދަތަށް މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. މި ޤާނޫނުގެ 74 ވަނަ މާއްދާގައި އޮންނަ ގޮތުން ވަކި ކަމެއް ކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އަދި އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000 ރުފިޔާއާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މި އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.