ޚަބަރު

ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ: އެންޑީއެމްއޭ


  • ފުރާޅު ވަޔާ އެއްލައިލުމާއި ފެންބޮޑުވުންފަދަ ހާދިސާތައް ބައެއް ރަށްރަށުން ވަނީ ރިޕޯޓުކޮށްފައި

  • ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުން ލިބެމުންދާކަމަށް ރިޕޯޓްކުރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ހާމަކުރައްވައިފިއެވެ.

އެން.ޑީ.އެމް.އޭއިން ވިދާޅުވި ގޮތުގައި، ބައެއް ރަށްރަށުގެ ގެތަކުގެ ފުރާޅު ވަޔާ އެއްލައިލުމާއި، ފެންބޮޑުވުމާއި ގަސްތައް ވެއްޓުން ފަދަ ހާދިސާތައް ވަނީ ރިޕޯޓުކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ވަރުގެ ގެއްލުން ލިބިގެން އެން.ޑީއެމް.އޭއަށް ރިޕޯޓްކޮށްފައިވާ ބައެއް ރަށްތައް:

• ތ. ތިމަރަފުށި:

ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ތިމަރަފުށީގެ ބައެއް ގެތަކުގައި ފެންބޮޑުވެ މުދަލަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން 18 މެއިގައި ކުރި ވިއްސާރައިގައި 50 ގެއަކަށް ފެން ވަދެފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށާއި، އިތުރު ގެތަކުގެ އެސެސްމަންޓް ހަދަމުންދާކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. ތިމަރަފުށީ ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިން ގޮތުގައި ފެންބޮޑުވެ މުދަލަށް ގެއްލުން ލިބި ބައެއް ގެތަކުން މީހުން ވަގުތީގޮތުން ބަދަލުކުރަންވެސް ޖެހުނެވެ.

• ފ. ފީއަލި

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފީއަލީގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވާކަމަށް އެންޑީއެމްއޭ ވިދާޅުވެއެވެ.

• ސ. މަރަދޫ ފޭދޫ

ގަދަ ވައިގެ ސަބަބުން މަރަދޫ ފޭދޫގެ ގެއެއްގެ ފުރާޅު ވަނީ އެއްލާލާފައެވެ. އެމްއެންޑީއެފްގެ އެހީގައި މިހާރު އެފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެން.ޑީ.އެމް.އޭ އިން މައުލޫމާތުދެއްވިއެވެ.

• ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ ގެއެއްގެ ފުރާޅުވެސް ވަޔާ ދިއުމުގެ ސަބަބުން އެ ސިޓީގެ ކައުންސިލުން ވަނީ ފުރާޅު މަރާމާތުކޮށްދީފައެވެ.

• ދ. ބަނޑިދޫ

ވައިގަދަވުމުގެ ސަބަބުން ބަނޑިދޫ ގެއެއްގެ ފުރާޅުވެސް ވަނީ އެއްލާލާފައެވެ. ރަށުގެ އާންމުންގެ އެހީތެރިކަމާއެކު އެ ފުރާޅު މިހާރު ވަނީ ވާ އައްސާ މަރާމާތުކޮށްފައެވެ.

• ވ. ފުލިދޫ

ގަދަ ވައިގެ ސަބަބުން ފުލިދޫ ސެޓްލިންކް އިންޓަނެޓް ޓަވަރު، ކައުންސިލްގެ އީ-ސެންޓަރުގެ ފުރާޅު މައްޗަށް ވެއްޓިފައިވާކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެއްވިއެވެ.

• ސ. ފޭދޫ

ގެއެއްގެ ފުރާޅުން ޓިނު ނެއްޓިގެން އެމްއެންޑީއެފް އިން ފުރާޅު މަރާމާތުކޮށްފައިވާކަމަށާއި މި ހާދިސާގައި ގޭތެރޭގެ ސާމާނަކަށް ގެއްލުމެއް ނުލިބޭކަމަށް އެން.ޑީ.އެމް.އޭ އިން މައުލޫމާތުދެއްވިއެވެ.

• ށ. މާއުނގޫދޫ

ގަދަވައިގެ ސަބަބުން މާއުނގޫދޫ ސިއްޙީ މަރުކަޒުގެ ގޯތިތެރެއިން ދެ ގަހެއް ވަނީ ވެއްޓިފައެވެ. އެމްޓީސީސީއާއި ފެނަކާގެ އެހީގައި އެ ސަރަޙައްދު ވަނީ ސާފުކޮށްފައެވެ. މިކަމާއި ގުޅިގެން ސިއްޙީ މަރުކަޒުގެ ޚިދުމަތް ވަގުތުކޮޅަކަށް މެދުކެނޑުންނަމަވެސް މިހާރު ވަނީ އަލުން ހިންގަން ފަށާފައެވެ.

• ޅ. ނައިފަރު

ނައިފަރުގެ މީހުން ދިރިނޫޅޭ ގެއެއްގެ ފުރާޅުން ބައެއް ވަޔާގޮސްފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވެއެވެ.

• ބ. އޭދަފުށީ

މިއަދު އޭދަފުށީގެ 3 ސަރަހައްދަކުން ގަސް ވެއްޓުމުގެ އިތުރުން އެރަށު ކުޑަކުދިންގެ ޕާކުގެ ފާޚާނާ ފުރާޅާއި ކުނި މެނޭޖްކުރާ މަރުކަޒުގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށް އެ އޮޓޯރިޓީީއިން މައުލޫމާތުދެއްވިއެވެ.

• ހދ. އޮމަދޫ

ވިއްސާރާގައި އޮމަދުއަށް ބޮޑެތި ގެއްލުން ލިބިފައިވާކަމަށް އެރަށު ކަނުންސިލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވިއެވެ. އެގޮތުން އެރަށު ގެއެއްގެ ފުރާޅުމައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން ބައެއް ރުއްތަކާއި ކެޔޮނިރުތައް ވެއްޓިފައިވާކަމަށް ވެސް އެރަށު ކައުންސިލުން މައުލޫމާތުދިނެވެ.

• ހުޅުމާލެ

ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ހުޅުމާލޭ ގެއެއްގައި ފެންބޮޑުވެ ގޭތެރޭގެ ތަކެއްޗަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް މިއަދު ރިޕޯޓްކޮށްފައިވާކަމަށްވެސް އެންޑީއެމްއޭ ވިދާޅުވިއެވެ.

މި ރަށްތަކުގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުށްގަސް ވެއްޓި ފުރާޅުވަޔާ ގޮސްފައިވާކަމަށާއި އެރަށްތަކުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށްވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ ވިދާޅުވެފައެވެ.