ޚަބަރު

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ ބޯފެން ރަސްމީކޮށް ހަވާލުކޮށްފި


  • ފެން ފޯރުކޮށްދޭނީ ސާފު ބޯފެން ލިބުމުގައި ދަތިތައް ކުރިމަތިވާ ރަށްތަކަށް

  • ހަދިޔާކުރި ފެނުގެ ޖުމްލަ އަގަކީ 21.3 މިލިޔަން ދިވެހި ރުފިޔާ

  • ޗައިނާ އިން ދަނީ ތަފާތު އެކި ދާއިރާތަކުން ރާއްޖެއަށް އެހީވަމުން

ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ ބޯފެން ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާ ކުރައްވަން އެ ރީޖަންގެ ޗެއަރމަން ނިންމަވާފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތޭރޭގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި ފެނުގެ ޝިޕްމެންޓް ރާއްޖެ އައިސްފައިވަނީ މިދިޔަ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ.

ރަސްމީކޮށް ފެން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނާ ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރަކީ ދިވެހިންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން މިލިބުނު ފެން ފޯރުކޮށްދޭނީ ސާފު ބޯފެން ލިބުމުގައި ދަތިވާ ރަށްތަކަށް އިސްކަންދީގެންކަމަށެވެ.

"ބޯފެން ރައްކާތެރިކަމާއެކު ބެހެއްޓޭނެ ތަންތަން ރާއްޖޭގައި ވަރަށް މަދު. ރާއްޖެ ބޮޑަށް ބަރޯއްސާވެފައި އޮންނަން ޖެހެނީ ލޮނު ފެން މީރު ފެނަށް ބަދަލުކުރުމަށް. މިހެންވެ މި ފެން ފޮރުކޮށްދެވޭނީ ސާފު ބޯފެން ލިބުމުގައި ދަތިތައް ދިމާވެފައިވާ ރަށްތަކަށް." ވަޒީރު ވިދާޅުވިއެވެ.

ފެން ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޝިން ވިދާޅުވީ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ފެނުގެ ޖުމްލަ އަގަކީ 10 މިލިޔަން ޔުއާން ނުވަތަ 21.3 މިލިޔަން ދިވެހި ރުފިޔާ ކަމަށެވެ. އަދި މި ފެނަކީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1500 ޓަނުގެ ޝިޕްމަންޓެއްކަމަށް ސަފީރު ވިދާޅުވިއެވެ.

"ރާއްޖެއަކީ އަބަދުވެސް ޗައިނާގެ ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެއް. އަދި ޗައިނާގެ ރައީސް ޝީޖިން ޕިންގެ ދަޢުވަތަކަށް ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާޟިޔާޞު ދަތުރުފުޅެއް. މި ދަތުރުފުޅާއެކު ޗައިނާއާއި ރާއްޖެއާ ދެމެދު އައު ޞަފްޙާއެއް ހުޅުވި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް ވަނީ އުފުލިފައި." ވަންގ ލިޝިން ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ގެންދަނީ އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައްވެސް ކުރަމުންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތްވެސް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.