ޚަބަރު

ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭ ދިރާސާއެއް ހަދަނީ


  • ސަރުކާރުން ބޭނުންވަނީ ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުން

  • ލޮނު އުފެއްދުމަށް ހުރި ފުރުސަތުތައް ބެލުމަށް ބީސީސީއާ ވަނީ ހަވާލުކޮށްފައި

  • ދިރާސާތަކަށް މާލީ އެހީ ހޯދުމަށްވެސް ދަނީ މަސައްކަތްކުރަމުން

ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ފުރިހަމަ މަންފާ ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމުގެ މަސައްކަތް ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއާއި ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމާއި ގުޅޭ ދިރާސާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޔޫއެންޑީޕީއާއެކު މަޝްވަރާކުރަމުންދާކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖެއަށް އެކި ފެންވަރުގެ ލޮނު އެތެރެކުރާކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ލޮނު އުފެއްދުންކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީއަށް އިމްޕޯޓުކުރޭ ވަރަށް ކޮލިޓީ ލޮނު، ރާއްޖޭގައި އާއްކޮށްވެސް މި ބޭނުންކުރާ ބާވަތްތަކުގެ ލޮނުވެސް މި ހުރިހާ އެއްޗެއްގެ ޕްރޮޑަކްޝަން ބޭނުންވޭ ރާއްޖޭގައި އުފައްދަން،" ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެތެރޭގައި ރާއްޖޭގައި ކައްކާ ލޮނު އުފެއްދުމުގެ މަސައްކަތް ފެށިގެންދިއުންކަމަށެވެ.