ޚަބަރު

ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަހުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި


  • ސީޕީއާރާއި ގުޅޭ ސެޝަނެއް ބައިވެރިންނަށް ނަގައިދިން

  • ޝިޢާރަކީ މޫސުމަށް އަންނަ ބަދަލުތަކާއި ސިއްޙީ ކުއްލި ހާލަތު

ދުނިޔޭގެ އިމަޖެންސީ މެޑިސިން ދުވަސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ރަސްމީކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ.

މިރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މަސްވެރިކަމާއި ބެހޭ ވަޒީރު، ޤައުމީއްޔަތާއި ބެހޭ ވަޒީރު އަދި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން އިތުރުން އިދާރީދައިރާތަކާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމީއްޔާތުގައި ބައިވެރިންނަށް ވަނީ އިމެޖެންސީ މެޑިސިންއާއި ގުޅޭ މަޢުލޫމާތު ދީފައެވެ. އަދި ކުއްލި ޙާލަތެއްގައި ސީޕީއާރު ދޭން ޖެހިއްޖެ ނަމަ، ސީޕީއާރު ދޭނެ ގޮތް ޖަލްސާގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. އަދި އެތަމްރީން ފުރިހަމަކުރި ފަރާތްތަކަށް ވަނީ އެކަމުގެ ހަނދާނީ ލިޔުން ދެއްވާފައެވެ. ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ.

މިއަހަރުގެ އިމަޖެންސީ މެޑިސިން ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗުން ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް ސީޕީއާރް ދަސްކޮށްދިނުމަށް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ދުނިޔޭގެ އެމެޖެންސީ މެޑިސިން ދުވަހުގެ ޝިޢާރަކީ "މޫސުމަށް އަންނަ ބަދަލަކީވެސް ސިއްޙީ ކުއްލި ޙާލަތު" މި ޝިޢާރެވެ. މިއަހަރުގެ ޝިޢާރު ބިނާވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިމަޖެންސީ މެޑިސިން އަށް އަންނަ ބަދަލުތަކަށެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 27 ވަނަ ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ އެމެޖެންސީ މެޑިސިން ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރަނީ ޔޫރަޕިއަން ސޮސައިޓީ އޮފް އިމަޖެންސީ މެޑިސިން ވުޖޫދުކުރުމުގެ ސޮއިކުރެވުނު ދުވަހުގެ ގޮތުގައެވެ.