ޚަބަރު

ފުރަތަމަ ބެޗުގެ ބުޅާތައް ކެޓް ޝެލްޓަރއަށް ގެންދިއުމަށް ތައްޔާރުވަނީ


  • މިހާރު ކުރިއަަށް ދަނީ ކޮމްޕާޓްމަންޓްތައް ހެދުމުގެ މަސައްކަތް

  • ފުރަތަމަ ގެންދާނީ ސަލްމާން މިސްކިތް ކައިރީގައި އުޅޭ ވެރިއަކު ނެތް ބުޅާތައް

ކެޓް ޝެލްޓަރ ޤާއިމްކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ލިބިފައިވާ ބިމުގެ ވަށާފާރު ނިމި، ފުރަތަމަ ބެޗުގެ ބުޅާތައް ގެންދިއުމަށް ތައްޔާރު ވަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާއިން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ފުރަތަމަ ހަމަސްދުވަހު ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، ހަފްތާ ސާދައިގައިވެސް ހިމެނި އެމަޝްރޫޢުގެ ދަށުން ބުޅާ ފެސިލިޓީއަށް ބުޅާގެންދިއުމަށް މާލެ ސިޓީ ކައުންސިލާއި އެން.ޖީ.އޯތަކާއި ގުޅިގެން ވަރަށް ރަނގަޅު ޕްލޭނެއް އެކުލަވާލާފައިވާކަމަށެވެ.

ބުޅާ ފެސިލިޓީގައި އެންމެ ފުރަތަމަ އަޅަން ނިންމާފައިނީ ވަގުތީ ގޮތުން ބުޅާތައް ބެލެހެއްޓޭނެ ގޮތް ގާއިމްކުރުމަށް، ބޭނުންވާ ކޮމްޕާޓްމަންޓްތަކެކެވެ. އެގޮތުން ބަލިޖެހިފައިވާ ބުޅަލާއި އެހެން ބުޅާތައް ވަކިން ބެލެހެއްޓޭނެހެން ވަކިވަކި ކޮމްޕާޓްމަންޓްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބުޅާ ފެސިލިޓީ ގާއިމްކުރުމަށް ލިބިފައިވާ ބިމުގައި ގަސް އިންދާ ހިޔާ ކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. ވަޒީރު ވިދާޅުވީ މާލޭގެ މަގުމަތީގައި ވެރިއަކު ނެތިފައި ތިބި ބުޅާތައް ބެޗުބެޗަށް ބަހާލައިގެން ވަރަށް އަވަހަށް، އެ ފެސިލިޓީއަށް ބަދަލުކުރެވޭނެކަމަށެވެ. ބުޅާ ފެސިލިޓީއަށް ފުރަތަމަ ގެންދާނީ، ސަލްމާން މިސްކިތް ކައިރީގައި ވެރިއަކު ނެތިފައިވާ 120 ބުޅަލެވެ.

"ދަފްތަރެއް ގާއިމްކުރެވިގެން މި ޝެލްޓަރއަށް ބުޅާތައް ގެންދެވޭނީ، އެއާއެކު އެ ބުޅާތައް ނިއުޓަރ ކުރުމުގެ މަަސައްކަތާއި އަދިވެސް އެ ބުޅާތަކަށް ބޭނުންވާ އެހެނިހެން ސިއްޙީ ގޮތުން ބޭނުންވާ ފަރުވާ ކުރިއަށް ގެންދެވޭ ގޮތަށް ރާވާފަ މިވަނީ" ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.

މާލެ ސިޓި ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ބުޅާ ފެސިލިޓީ މަޝްރޫއު ކުރިއަށް ގެންދިމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުޅާތައް ތިބޭނެ ތަނެއް ގާއިމް ކުރިނަމަވެސް، ފަހުން، ވެޓް ކްލިނިކެއްވެސް ގާއިމް ކުރެވި، ބުލަލުގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ އެހެން ދިރޭތަކެޗަށް ފަރުވާ ދެވޭނެ އިންތިޒާމު ވެސް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ކެޓް ޝެލްޓަރ ޤާއިމްކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ.