ޚަބަރު

ނާކާމިޔާބަށް ނޫނެކޭ ބުނެ ކުރި މަސައްކަތުން ޢަބްދުއްރަޙީމް ދައުލަތުގެ އެއް ބާރުގެ ވެރިއަކަށް


  • ޢަބްދުއްރަޙީމް ސިޔާސީ މައިދާނަށް ނުކުންނެވީ 1993 ވަނަ އަހަރު

  • ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވެވި

  • ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކުރެއްވެވި

  • ޢަބްދުއްރަޙީމަކީ 20 ވަނަ މަޖިލީހުގެ ރައީސް

ލ. ފޮނަދޫއަށް އުފަންވެވަޑައިގެން ޢަބްދުއްރަޙީމް ޢަބްދުﷲއަކީ ދިވެހިރާއްޖޭގެ ސިޔާސީ ޙަޔާތް ދުށް އެންމެ ޝަޚުސިއްޔަތު ވަރުގަދަ އެއް ލީޑަރެވެ.

ސިޔާސީ މަސައްކަތް ފެށްޓެވުމުގެ ކުރިންނާއި މިހާރުވެސް ޢަބްދުއްރަޙީމް ޢަބްދުﷲއަކީ އަބަދުވެސް އެމަނިކުފާނުގެ ރަޙުމަތްތެރިންނާ ގާތްގުޅުމެއް ބާއްވާ ބޭފުޅެކެވެ. އަދަބީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއްވެސްމެއެވެ. އެގޮތުން ޢަބްދުއްރަޙީމަކީ މޮޅު ވާހަކަދެއްކުންތެރިއެއްގެ އިތުރުން މޮޅު ޅެންވެރިއެއްވެސްމެއެވެ. ސިޔާސީ ގޮތުން ޖޯޝާއި ފޯރި އުފެއްދުމަށް ތަފާތު ލަވަތަކުގެ ޅެންތައް ޢަބްދުއްރަޙީމް ވަނީ ހައްދަވާފައެވެ.

ޢަބްދުއްރަޙީމް ފާހަގަކޮށްލެވެނީ ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވާ، ޕޯޑިއަމްތަކުގައި ކުޅަދާނަކަމާއެކު ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. ހިންގުންތެރި، ޙިކުމަތްތެރި ލީޑަރެއްގެ ގޮތުގައެވެ. އޭނާ ވަނީ 2013އިން 2018އާ ހަމައަށް ވެރިކަން ކުރި މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާފައެވެ. އަދި މިހާރު ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ޗެއަރޕާސަނަކީވެސް ޢަބްދުއްރަޙީމެވެ. އަދި މިހާރު ޢަބްދުއްރަޙީމަކީ ދައުލަތުގެ އެއްބާރުކަމަށްވާ ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސެވެ. މިހާހިސާބަށް ޢަބްދުއްރަޙީމަށް ވާޞިލްވެވުނީ ހިތްވަރާއެކު ކުރެއްވި ބުރަ މަސައްކަތުންކަން ކަށަވަރެވެ.

ސިޔާސީ މަސައްކަތަށް ނިކުންނެވުން

ޢަބްދުއްރަޙީމް އުފަންވެވަޑައިގަތީ ތަޢުލީމީ މީހުން މަދު، ރާއްޖޭގެ ތަޢުލީމުގެ ދާއިރާ އެހާ ފުޅާވެފައިވާ ދުވަސްވަރެއްގައެއް ނޫނެވެ. ރަށްރަށުގައި އޭރު އުނގަންނައިދިނީ ލިޔަން ކިޔާށާއި އިސްލާމީ ތަޢުލީމުން މިންވަރަކާއި ހިސާބު ޢިލްމުން މަދު މިންވަރެކެވެ.

ޢަބްދުއްރަޙީމްގެ ޢުމުރުފުޅުން 10 އަހަރުގައި ބައްޕާފުޅު އަލްމަރުޙޫމް ޢަބްދުﷲ އާދަމް ނިޔާވިއެވެ. ދިރިއުޅެމުން ދިޔައީ އެއްބަޑުއެއްބަފާ 7 ކުދިންނާއެކުއެވެ. ޢަބްދުއްރަޙީމްގެ ތަޢުލީމީ ޙަޔާތް އެންމެ ފުރަތަމަ ފެށްޓެވީ ފޮނަދޫގައި ހުންނަ މަދަރުސަތުއްސިރާޖުގެ ތިންވަނަ ކުލާހުންނެވެ. އެއަށްފަހު އިތުރު ތަޢުލީމު އުނގެނުމަށް ޢަބްދުއްރަޙީމް މާލެއަށް ބަދަލުވިއެވެ. އެއަށްފަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރަމުން މަކުތަބެއްގައި ތަޢުލީމު ޙާސިލްކުރެއްވިއެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގައި ތަޢުލީމު ޙާސިލްކުރުމަށްފަހު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯގެ ވަޒީފާއަކާ ޢަބްދުއްރަޙީމް ގުޅިވަޑައިގެންނެވިއެވެ. ޒަވާޖީ ޙަޔާތެއް ފެށްޓެވީ އެސްޓީއޯގެ ވަޒީފައިގައި އުޅުއްވި ދުވަސްވަރުއެވެ. ޒަވާޖީ ޙަޔާތެއް ފަށްޓަވާ ދަރިއަކު ލިބިވަޑައިގެން، އެދަރިފުޅަށް 6 މަހުގައި ޢަބްދުއްރަޙީމްގެ ހަޔާތުގައި ކަޅު ދުވަސްތަކެއް ދެކެންޖެހުނެވެ. އެގޮތުން އެސްޓީއޯގެ މެނޭޖަރެއްގެ މަގާމުގައި ހުންނަވައިގެން ފައިސާއަށް ހިޔާނާތްތެރިވިކަމަށް ޢަބްދުއްރަހީމްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުނެވެ. މި ތުހުމަތުތަކުގެ ތެރެއިން ބ. މާޅޮހަށް ޢަބްދުއްރަޙީމް އަރުވައިލެވުނެވެ. އަރުވައިލުމަށްފަހު ޢަބްދުއްރަޙީމް މިނިވަންވީ 1988 ވަނަ އަހަރު ނޮވެންބަރު 3ގެ ހާދިސާއާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޢާފު ދެއްވުމާ ގުޅިގެންނެވެ. މި އަރުވާލުން ޢަބްދުއްރަޙީމް ސިފަކުރަނީ ސިޔާސީ މައިދާނަށް ނުކުތުމަށް ދިމާވި ސަބަބެއްގެ ގޮތުގައެވެ.

މެދުނުކެނޑި ސިޔާސީ މަސައްކަތުގައި

ރަސްމީކޮށް ޢަބްދުއްރަޙީމް ސިޔާސީ މައިދާނަށް ނުކުންނެވީ 1993 ވަނަ އަހަރުއެވެ. ޢަބްދުއްރަޙީމް އޭރު ނުކުންނެވީ ރައީސް މަޢުމޫނަށް ތާޢީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނަށް ކެންޕެއިން ކުރެއްވުމަށެވެ. ރައީސްގެ 5 އަހަރުގެ ދައުރު ހަމަވުމުން ރާއްޖޭގެ ރައީސަކަށް އޭރު ހޮވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ މީހެކެވެ.

ކޮންމެއަކަސް 1993 ވަނަ އަހަރު ސިޔާސީ މަސައްކަތް ފަށްޓަވާ އަތޮޅު ފެންވަރުގައި ބާއްވާ އިންތިޚާބުތަކުގައި ޢަމަލީ ގޮތުން ވަރަށް ފޯރީގައި ޢަބްދުއްރަޙީމް މަސައްކަތް ކުރެއްވިއެވެ. އަދި 2004 ވަނަ އަހަރު ރައީސް މަޢުމޫނު އިސްވެ އުފެއްދެވި ސިޔާސީ ޕާޓީ ދިވެހި ރައްޔުތިންގެ ޕާޓީ ޑީއާރުޕީއަށް ސޮއިކުރެއްވިއެވެ. މިގޮތަށް އުޅެމުން އައިސް ރައީސް މާޢުމޫނުގެ ކޮއްކޯފުޅު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޢަބްދުއްރަޙީމާ ބައްދަލުވިއެވެ. އަދި ރައީސް ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް އެލަޔަންސް، ޕީއޭއާ ޢަބްދުއްރަޙީމް ގުޅިވަޑައިގަތެވެ.

ސިޔާސީ ގޮތުން ޢަބްދުއްރަޙީމް އެންމެ ބޮޑު ކާމިޔާބެއް ހޯއްދެވީ ޕީއޭގެ މެންބަރެއްގެ ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ހިސާބުންނެވެ. 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބު ޢަބްދުއްރަހީމް ކާމިޔާބުކުރީ ފޮނަދޫ ދާއިރާއަށް ވާދަކުރައްވައިގެންނެވެ.

އޭގެ ފަހުން 18 ވަނަ މަޖިލިސް ހޮވުމަށް 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ފޮނަދޫ ދާއިރާގެ ގޮނޑި ޢަބްދުއްރަހީމް ދިފާޢު ކުރެއްވެވިއެވެ. އަދި އޭރު ވެރިކަމުގައި އޮތް ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސަކަށް ވެވަޑައިގެންނެވިއެވެ.

އެއަށްފަހު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ޕީޕީއެމްއަށް ނާކާމިޔާބުވިއެވެ. އޭރު ޕީޕީއެމްގެ ތެރޭގައި އޮތް ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އެއީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީއެވެ. މި ޕާޓީގެ ރައީސަކަށް ހޮވިވަޑައިގަތީ ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ރައީސް ޔާމީން ހުންނެވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައެވެ.

2018ގެ ރިޔާސީ އިންތިޚާބަށްފަހު 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ތިންވަނަ ދައުރަކަށް ދިފާޢުކުރުމަށް ނިކުމެވަޑައިގެން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނެވެ. މި ނާކާމިޔާބީއަށްފަހު ޢަބްދުއްރަޙީމަށް ދެކެން ޖެހުނީ ސިޔާސީ ޙަޔާތުގައި އަނދިރި ދުވަސްތަކެކެވެ.

ޕީޕީއެމްގެ ސަރުކާރުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގިކަމުގެ ތުހުމަތުތައް ރައީސް ޔާމީނުގެ މައްޗަށް ކުރެވި ކުށް ސާބިތުވެ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުނެވެ. ރައީސް ޔާމީން ޖަލަށް ވަޑައިގެންނެވުމާއެކު ޕީޕީއެމްއާއި ޕީއެންސީގެ ހުންގާނުގައި ހިއްޕެވީ ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ ޕީޕީއެމް/ޕީއެންސީގެ އިހުތިޖާޖުތަކުގައި އެންމެ އިސް ސަފުގައި އަބަދުވެސް ހުންނަވަނީ ޢަބްދުއްރަޙީމެވެ. އިދިކޮޅު ކޯލިޝަންގެ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ހުންގާނުގައި ހިއްޕަވައިގެން އެ ބަދަހި ލަޝްކަރުގެ ސިޔާސީ ހަރަކާތްތައް ރާއްވަވާ ތަރުތީބުކުރައްވަމުން ގެންދެވީ ޢަބްދުއްރަހީމެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބަދަހިކަމާއި އެއްބައިވަންތަކަމާއެކު ޕާޓީ ހިފަހައްޓަވާ ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރެއްވުމަށް ޢަބްދުއްރަހީމް އަތުކުރި އޮޅާލެއްވިއެވެ.

އެގޮތުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމުގައިވެސް ޢަބްދުއްރަޙީމްގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން ސިޔާސީ ގޮތުން އެންމެ ފަޚުރުވެރިވާ ބޭފުޅަކީ ޢަބްދުއްރަޙީމް ޢަބްދުﷲކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރެއްގެ ގޮތުގައި މިހާތަނަށް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަސައްކަތްކުރައްވާފައެވެ.

30 އަހަރުގެ ދިގު ސިޔާސީ ޙަޔާތުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު 20 ވަނަ މަޖިލިސް ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މިހާރު ޢަބްދުއްރަޙީމަކީ ދައުލަތުގެ އެއްބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ހަމަ ޔަޤީނުންވެސް ޢަބްދުއްރަޙީމްގެ ސިޔާސީ ޙަޔާތުގެ ކާމިޔާބީގެ ސިއްރަކީ ނާކާމިޔާބީއަށް ފަހުވެސް ހިތްވަރާއެކު ކުރެއްވެވި ބުރަ މަސައްކަތެވެ.