ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓޫރިޒަމް ޒޯނަކާއެކު 100 ކޮޓަރީގެ ހޮޓަލެއް އަޅަނީ


  • މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ސިލްވަރ ލޭންޑް ހޮޓެލްސްއާ

  • މި މަޝްރޫޢުގެ ދަށުން 100 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރާނެ

  • 200 ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައި

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީ ލިމިޓެޑުން ހަވާލުކޮށްފައިވަނީ ސިލްވަރ ލޭންޑް ހޮޓެލްސްްއާއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހީމް މުޙައްމަދެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ސިލްވަރ ލޭންޑާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 100 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރުމަށްކަމަށެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ މި ހޮޓަލަކީ 20 މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓެއްކަމަށް ރީޖަނަލް އެއަރޕޯޓްސްއިން މަޢުލޫމާތު ދެއެވެ. މުބީން ވިދާޅުވީ މި ހޮޓަލާއެކު 200 ވަރަކަށް ވަޒީފާ އުފެދޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މިހާރު މި މަޝްރޫޢާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއިި، އުއްމީދަކީ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް 3 މަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދިޔުން ކަމަށްވެސް މުބީން ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިމެނޭހެން 19 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއެއް އޮންނަ މި އެއަރޕޯޓަކީ 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.