ޚަބަރު

ސަލްމާން ރަސްގެފާނުގެ ޚަރަދުގައި 2322 މީހުންނަށް ޙައްޖުވުމުގެ ފުރުޞަތު


  • 88 ޤައުމުން 1300 މީހުންނަށް ފުރުޞަތު ދެއްވާ

  • ފަލަސްޠީންގެ 1000 މީހުންނަށް ފުރުޞަތު ވަނީދެއްވާފައި

ސައުދީ އަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ޚަރަދުގައި މިހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 2322 މީހުންނަށް ފުރުޞަތު ދިނުމަށް ނިންމަވައިފިއެވެ.

ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ނުވަތަ ރަސްގެފާނުގެ ޚަރަދުގައި ޙައްޖާއި އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުގެ ޕްރޮގްރާމްއަކީ އެ ޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

ސަލްމާން ރަސްގެފާނުގެ ޚަރަދުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމަށް މިއަހަރު ނިންމަވާފައިވަނީ 88 ޤައުމެއްގެ 1300 ހައްޖުވެރިންނަށާއި ޔަހޫދީން ފަލަސްޠީންއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދުވެފައިވާ ފަލަސްޠީނުގެ އާއިލާތަކުގެ ތެރެއިން 1000 މީހަކަށެވެ. މީގެ އިތުރުން އުފެދުމުގައި ގުނަވަންތައް ގުޅިފައި ހުރި ކުދިންގެ ތެރެއިން ސަޢުދީޢަރަބިއްޔާގައި ކާމިޔާބުކަމާއެކު އޮޕަރޭޝަންކޮށްފައިވާ ކުދިންގެ އާއިލާތަކުގެ 22 މީހަކަށް ޙައްޖުވުމުގެ ފުރުޞަތު ދިނުމަށްވެސް ނިންމާފައިވެއެވެ.

ސަޢުދީޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސް އަދި ޕްރޮގްރާމްގެ ޖެނެރަލް ސުޕަވައިޒަރ ޝެއިޚް އަބްދުއްލަތީފް އަލްޝައިޚް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރަސްގެފާނުގެ ދަޢުވަތަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުން ސަލްމާން ރަސްގެފާނާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަލްމާން ރަސްގެފާނުގެ ޚަރަދުގައި ހައްޖަށް އަންނަ މެހެމާނުންނަށް މައްކާ އާއި މަދީނާގައި އެ ވުޒާރާއިން ޚާއްޞަކުރާ އިންޓަގްރޭޓެޑް ސިސްޓަމެއްގެ ތެރެއިން ޚިދުމަތް ދެމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަލްމާން ރަސްގެފާނުގެ ޚަރަދުގައި ޙައްޖާއި އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދޭން ފެށިތާ 26 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އަދި މިހާތަނަށް 60،000 އަށް ވުރެ ގިނަ އަންހެނުންނަށާއި ފިރިހެނުންނަށް ޙައްޖުވުމުގެ ފުރުޞަތު ދީފައިވެއެވެ.