ޚަބަރު

އިދާރީ ދާއިރާތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެވިއްޖެ: ވަޒީރު


  • ޢާންމު މަސައްކަތްތަކާ ބެހޭ ދާއިރާއިން މީހުން ބައިވެރިވި

  • ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މާލީ ވަޒީރު

  • ބައްދަލުވުމުގައި ދާއިރާތަކުގައި ހުރި މައްސަލަތައް ފާހަގަކުރެވުނު

އިދާރީ ދާއިރާތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭކަންކަން މަސައްކަތު ބައްދަލުވުމުން ފާހަގަކުރެވިއްޖެކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިދާރީ ދާއިރާތަކުގައި އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަަސައްކަތު ބައްދަލުވުމުގައި އެވުޒާރާގެ ދަށުން ހިނގަމުންދާ ހަތް އިދާރީ ދާއިރާއިން، އިދާރީ މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ހިމެނޭހެން 35 ފަރާތަކުން ބައިވެރިވެ، އެ ދާއިރާތަކުގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާކުރިއެވެ. މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ ކުރިއަށް އޮތްތަނުގައި އެވުޒާރާއިން އާންމު މަސައްކަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތެރޭގައި ފަށާގަންނައިރު ވިސްނަންވީ ކަންކަމާއި، މިހާރު ގާއިމުކުރެވިފައި ހުރި ޔުނިޓުތައް އިތުރަށް ހިންގުން ހަރުދަނާކުރުމަށް އެތަންތަނުގައި މިހާރު ހުރި ގޮންޖެހުންތައް ދެނެގަތުމެވެ. އަދި ލާމަރުކަޒީ އުސޫލުން ކައުންސިލްތަކާ ގުޅިގެން މި ޚިދުމަތްތައް ދޭއިރު ވިސްނަން ޖެހޭ ކަންތައްތަކާއި ޔުނިޓުތައް ގާއިމުކުރާއިރު ބޭނުންވާ ވަސީލަތްތައް ދެނެގަތުމަކީވެސް މި މަސައްކަތު ބައްދަލުވުމުގެ އެއް ބޭނުމެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ މަޝްވަރާ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ވަޒީރު، ޑރ. މުޙައްމަދު ޝަފީޤެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ތަނެއް ހިންގުމުގައި އެންމެ މުހިންމުކަމަކީ އެތަނެއްގެ ހިއުމަން ރިސޯސް ނުވަތަ އިންސާނީ ވަސީލަތްކަމަށެވެ. އެގޮތުން މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރި އެއްކަމަކީވެސް ރަނގަޅު އިންސާނީ ވަސީލަތް ޢާންމު މަސައްކަތްތަކުގެ ޚިދުމަތްދޭ ތަންތަނުގައި ބިނާކުރުންކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ވަނީ ރަށްރަށޫގައި ހުރި ޢާންމު ތަންތަން މަރާމާތުކޮށް ބަލަހައްޓަމުން ނުދާތީނުބެލެހެއްޓިގެން ދިއުމުން އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ފާހަގަކޮށްފައެވެ. އެހެންކަމުން މާލީ ވަޒީރު ވަނީ އެތަނަން މަރާމާތުކޮށްގެން ބެލެހެއްޓޭނެ ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.


" މެއިންޓެއިން ނުކުރެވުމުގެ ސަބަބުން، މަރާމާތު ނުކުރެވުމުގެ ސަބަބުން ދެން އަލުން ބަލުން ބިނާކުރަންޖެހުމުން، ހަމައެކަނި ޚަރަދު އެކަންޏެއްނޫން، އޭގެ އެހެން ކޯސްޓެއްވެސް އެބައޮތް، މުޖުތަމަޢުއަށް އޭގެސަބަބުން ލިބޭ ގެއްލުން " މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

މާލީ ވަޒީރުގެ އިތުރުން، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރުވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން އެވުޒާރާ ހިންގުމުގައި ހަރުދަނާކުރަން ހުރި ކަންތައްތައް ފާހަގަވެގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މިހާރު އެވުޒާރާގެ ދަށުން ހުރީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެންމެ ދެޔުނިޓު ކަމަށާއި ކުރިއަށް އޮތްތަކުގައި 15 ޔުނިޓް ޤާއިމް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ އެހެން ހަގީގަތެއް އޮވޭ، އެއީ އެނގިވަޑައިގަންނަވާނެ، މާ، އަވަސްއަވަހަށް، މާ ގިނަ ކަންތައްތައް ބަދަލުވަންޏަކާ އަޅުގަނޑުމެން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ނުދެވޭނެ " އިދާރީ ދާއިރާތައް ރަތައްޤީކޮށް މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށްޓަކާ ސަރުކާރަށް އިތުރު ދައުރެއް ބޭނުންވާކަން ފާހަގަކުރައްވާ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ނިމިގެން ދިޔަ މަސައްކަތު ބައްދަލުވުމުގައި އެވުޒާރާގެ މެންޑޭޓާއި މަސައްކަތް ކުރަމުންދާ ތަންތަނުގެ ހާލަތާއި މިހާރު ހުރި ވަސީލަތްތަކާއެކު ތަރުތީބުކުރެވިގެން މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެވި އެކަންކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް އަވަސްމުއްދަތެއްގެ ތެރޭގައި ފަށްޓަވާނެކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.