ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަތިވެރި މަޤުޞަދުގައި އަމިއްލަ ރަށާއި ވަޒަން ދޫކޮށް ބޮޑު ޚަރަދެއްކޮށްގެން ދިގު ދަތުރަކަށްފަހު މާތްވެގެންވާ މައްކާ ބިމަށް ދަނީ ޙައްޖުވެރިންނާ ހަވާލުވެގެންދާ ފަރާތަށް އިތުބާރުކޮށް އެ މާތް ދަތުރުގެ އެންމެހައި ކަންކަން ފުރިހަމައަށް ހަމަޖެހޭނެކަމުގެ ޔަޤީންކަމަކާއެކުގައެވެ.
ޙައްޖަށް ގޮސް މައްކާގައި ތިބުމުގެ އިންތިޒާމުން ފެށިގެން ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމާއި، ބަލިވެއްޖެ ނަމަ ބޭސްފަރުވާގެ ކަންކަންވެސް އެއްވެސް ދަތިކަމެއް ނެތި ކުރެނޭ ކަމުގެ އުންމީދުގައެވެ. ޙައްޖުވެރިންގެ އެ ޔަޤީންކަމާއި އިތުބާރު ހިފެހެއްޓުމަށް ހައްޖުވެރިންގެ ބަލަދުވެރި ފަރާތުން ނުވަތަ ޙައްޖުވެރިން ގެންދާ މީހުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން އަހަރު ދިވެހި ހުރިހާ ޙައްޖުވެރިންވެސް ހައްޖަށްގެންދަނީ ޙައްޖު ކޯޕަރޭޝަނުންކަމަށްވާއިރު، ރާއްޖެއިން ހައްޖަށްދާ ކޮންމެ ޙައްޖުވެރިއެއްގެވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މާލެއާ ސަޢުދީޢަރަބިއްޔާގައިވެސް ދިވެހި އެހީތެރިން ހަރަކާތްތެރިވެއެވެ. ފުރުމުގެ އެއްދުވަސްކުރިން ޙައްޖުވެރިންގެ ފޮށިތައް އެއްތަނަކަށް ޖަމާކުރުމުން ޗެކިންއަށް ގެންދިޔުމުގެ މަސައްކަތާއި، މާލެއިން ފުރައިގެން ހައްޖުވެރިންނަށް ޖިއްދާއަށް ދެވޭހިސާބުންް ކިންގް ޢަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަޕޯޓުގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުންވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. އަދި މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލަށް ދެވެންވާއިރަށް ހޮޓެލްގައި ހައްޖުވެރިންނަށް އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް ކަންކަން ހަމަޖެއްސުމަށްވެސް އެހީތެރިން ހަރަކާތްތެރިވެއެވެ.
ދިވެހި ހައްޖުވެރިންނަށް ބޭނުންވާ ޚިދުމަތް ދިނުމަށް ދިވެހިން ތިބޭ ހޮޓަލުގެ 2 ވަނަ ފަންގިފިލާ ވަނީ ޚާއްސަކޮށްފައެވެ. އެ ފަންގިފިލާގައި ކްލިނިކެއްގެ އިތުރުން ފާމަސީއަކާއި ފައިނޭންސް ބައެއްގެ އިތުރުން ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޔުނިޓްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެ ޔުނިޓްތަކުގައި ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެހީތެރިން ތިބެއެވެ. މީގެ އިތުރުންވެސް ސީދާ ޙައްޖުވެރިން ގާތަށްގޮސް އެމީހުންގެ ޙާލަތު ދެނެގަނެއެވެ. އެކަމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ޙައްޖުވެރިން ތިބޭ ކޮޓަރިތަކަށް ޓީމުގެ ފަރާތުން ގޮސް އެއްވެސްކަމަކަށް ދަތިވޭތޯ ނުވަތަ އެއްވެސް މައްސަލައެއް ނުވަތަ އުނދަގޫވާ ކަމެއް ދިމާވޭތޯ ކޯޕަރޭޝަނުގެ ފަރާތުން ވަނީ ބަލާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ މި އޮޕަރޭޝަންގައި ޙައްޖުވެރިން ތިބޭ ކޮޓަރީގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލާފައިވާކަމަށެވެ. އަދި ކޮޓަރީގައި ހުރި ސާމާނުތައް ބޭނުން ކުރާނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރިކަމަށާއި ޙައްޖުވެރިންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މައްކާގައި މިވަގުތު ތިބި ޙައްޖުވެރިންނަށް އެމީހުންގެ އާއިލާތަކާ ގުޅޭނެ ގޮތް ވެފައިވޭތޯ ޗެކްކުރާނެ. ފޯނުތައް ރަނގަޅަށް މަސައްކަތް ކުރޭތޯވެސް ބެލި. އެކި އުމުރުތަކުގެ މީހުން އުޅޭނެތީ އެމީހުންނަށް ބޭނުންވާ ކަންކަން ދެނެގަނެ ހައްލުކުރަން ކަމެއް ހުރިނަމަ އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނެ. މިގޮތަށް އަޅުގަނޑުމެންގެ ޓީމުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާނެ" ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވިއެވެ.
ޙައްޖުކޯޕަރޭޝަންގެ ހަވާލުގަ ހައްޖައްދާ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 86 އެހީތެރިން މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނެއެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ބުރުގެ މީހުންނަށް އެހީތެރިވާން 2 ޑޮކްޓަރަކާއި ނަރުހުން ބައިވެރިވެއެވެ.